ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ބެހޭ މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެއްޖެއެވެ. ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެހެން ގައުމުތަކުގައިވެސް އެކަން އެގޮތަށް ކުރާ ކަމަށާއި މިއީ މިހާތަނަށް ބެލިއިރު ކާމިޔާބު ވެފައިވާ ކަމެއް ކަމަށެވެ. މިގޮތުން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ދެވޭ ނަފްސާނީ ފަރުވާގެ ދިރާސާވެސް ދައްކަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ ޅެންވެރިކަން ފުޅާކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ ތެރެއިން، ޅެމުން ނަފްސާނީ ޙާލަތްތަކުގައި ފަރުވާ ދެވޭތޯ ބެލުމަށް ދިރާސާއެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި ޅެމުން ފަރުވާދެވޭކަމަށް ބުނަނީ ޅެމަކީ އޭގެ ސަބަބުން ހިތްވަރު އާލާކުރުމާއި ފިކުރުތަކާއި ދުރުކޮށް ވޭން ކުޑަކުރުމާއި އުފާވެރިކަން ގެނުވާ ކަމަކަށްވާތީކަމަށެވެ.
ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭ ކަމަށް ވާނަމަ، ދިވެހި ޅެންވެރިކަން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.