ބައެއް ލުއި ތަކާއި އެކު ގޭގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރު ހަރަކާތްތަކާއި ހާއްސަކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުއްވާތީ, އެމަނިކުފާނަށް ދީފައިވާ ލުއިތައް ރިވިއު ކުރާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.
ރައީސް ޑރ.މުއިއްޒުއާއި އުފެދުނު ހިޔާލުތަފާތުވުމެއްގައި ޕީޕީއެމްގެ ރައީސްގެ މަގާމުންނާއި މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް ޕީއެންއެފް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ރޭ އެ ޕާޓީގެ މެމްބަރުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ ކުރިން ވެސް ކަރެކްޝަންސްއިން ވަނީ ޔާމީން އެއްބަސްވުމާ ޚިލާފަށް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާނަމަ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ވެސް ދީފައެވެ.
އޭގެ ފަހުން ވެސް ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއެކު ކަރެކްޝަންސްއިން ވަނީ އެއްބަސްވުމާ ޚިލާފުވިތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.
ރައީސް ޔާމީނު ނޫސްވެރިންނާ ބައްދަލުކުރުމުގެ ލުޔަށް މި ފަހުން އެދުނު ނަމަވެސް ކަރެކްޝަނުންވަނީ އެ ލުއި ދެވެން ނެތް ކަމަށް އަންގާފައެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި، ރައީސް މުއިއްޒު މަގާމާއި ހަވާލުވުމަށް ފަހު ވަނީ ރައީސް ޔާމީނު އެކަހެރިކޮށް ބާކީ ކޮށްލާފައެވެ. ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނުގެ ފޮޓޯ ހިފައިގެން ކެމްޕޭނު ކުރުމަށް ފަހު އަދި ވެރިކަމަށް ހޮވުމުން އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ބުނެފައިވިޔަސް، މިއަދާ ހަމައަށް އެމަނިކުފާނަށް ދީފައިވާ ލުޔަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ލުޔެއް ކަމަށްބުނެ އެ މަނިކުފާނުގެ ސަޕޯޓަރުން އަންނަނީ މިސަރުކާރަށް ފާޑުކިޔަމުންނެވެ.