ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް) ކަމަށް އިއުލާންކޮށްފިއެވެ.
ޕާޓީގެ ކުލައާއި ނަން އިއުލާންކުރީ ރައީސް ޔާމީނުގެ ފަރާތުން ޕީޕީއެމް ހިންގަން އެކުލަވާލި ސްޓިއަރިން ކޮމެޓީގެ މެމްބަރު މަލީހު ޖަމާލެވެ. ސޯސަލް މީޑިއާގައި އާއްމު ކުރި މެސެޖެއްގައި މަލީހު ބުނެފައިވަނީ ޕާޓީގެ ނަމާއި ކުލަ ފައިނަލް ވެއްޖެ ކަމަށެވެ. ޕާޓީގެ ކުލަ އަކީ ކުރިން ރައީސް ޔާމީނު އިސްވެ އުފެއްދެވި ޕީއޭ (ޕީޕަލްސް އެލައަންސް) ވެސް ބޭނުންކުރި ކުލައެއް ކަމަށްވާ ދަނބު ކުލައެވެ.
ރައީސް ޑރ.މުއިއްޒު ވެރިކަމަށް ހޮވުނު ފަހުން ރައީސް ޔާމީނާއި ގުޅުން ގޯސްވެ، އެންމެ ފަހުންވަނީ ޕީޕީއެމް ވެސް ދޫކޮށްލާފައެވެ. ޕީޕީއެމް ދޫކޮށްލުމަށް ފަހު ރައީސް ޔާމީން އުފައްދަވާ ޕާޓީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމަނިކުފާނުގެ އިސް ވަކީލު އަދި ރަނިން މޭޓު ޑރ.މުހައްމަދު ޖަމީލެވެ.




