ދެ ދުވަސް ތެރޭ ފުވައްމުލަކަށް ނިސްބަތްވާ ދެވަނަ ސްޓޭޓް މިނިސްޓަރު މަގާމުން ވަކިކޮށްފިއެވެ. ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރިތާ ދެވަނައަށްވީ ދުވަހު ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރީ ފުވައްމުލަށް މިސްކިތްމަގު، މާވޭދު މުންނިމު އަނީސްއެެވެ. ރައީސް ޑރ. މުއިއްޒުގެ އަތްޕުޅުން މިނިސްޓްރީ އޮފް ޓުއަރިޒަމް ގެ ސްޓޭޓް މިނިސްޓަރު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިދިޔަ ހަފްތާގެ އަންގާރު ދުވަހުއެެވެ. މުއްނިމު ވަޒީފާއިން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މުންނިމު ނިސްބަތްވާ ފުވައްމުލަކުގެ މުހައްމަދު ފަހުމީ ހަސަން ވެސް ވަނީ ސްޓޭޓް މިނިސްޓަރުކަން ދެއްވިތާ 4 ދުވަސް ތެރޭ ވަޒީފާއިން ވަކިކުރައްވާފައެވެ.
މުއްނިމުގެ ގާތް ފަރާތްތަކުން ތުހުމަތު ކުރަނީ، މުއްނިމު ވަޒީފާއިން ވަކިކުރީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ހަރަކާތްތެރިވުމުން ނޫން ކަމަށާއި އެއީ ބައެއް މީޑިއާތަކުން އަމިއްލައަށް ދައްކާ ވާހަކައެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ތާއިދު ކުރި ބައެއް މީހުން ޑރ.މުއިއްޒަށް ތާއިދު ކުރި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރުވެސް ސިޔާސީ މަގާމުތައް ދެއްވާފައިވާ ކަމަށެވެ. މުންނިމު ސްޓޭޓް މިނިސްޓަރު ކަމުން ވަކި ކުރީ ފުވައްމުލަކަށް ނިސްބަތްވާ ކުރީގެ މެމްބަރު އަދި ޕީއެންސީގެ މެމްބަރު ހިސްޓޯގެ ނުފޫޒުން ކަމަށް އެމީހުން ތުހުމަތު ކުރެއެވެ. ހިސްޓޯ ވަނީ މި ފަހަރު ގެ ރައްޔިތުންގެ މަޖުލީހަށް ކުރިމަތިލުމަށް ނިންމާ އެކަން އިއުލާންކޮށްފައެވެ.
މިއީ ފުވައްމުލަކަށް ނިސްބަތްވާ އަދި މިހާރު ރައީސް މުއިއްޒަށް ފާޅުގައި ފާޑުކިޔަމުންދާ ޑރ. ޖަމީލާއި މަލީހު ޖަމާލަށް ދެއްވި މެސެޖެއް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެ ދެބޭފުޅުން މިހާރު މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީނުގެ އައު ސިޔާސީ ޕާޓީ ހެދުމުގެ މަސައްކަތުގައެވެ.