ރައްޔިތުންގެ މަޖުލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ދޭނީ އަދި އެހެން މަސައްކަތެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިންމާފައިކަމަށް އެމްޑީޕީން ބުނެފިއެވެ. އެ ޕާޓީގެ ޕާލިމެންޓު ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާލިމެންޓު ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާ ގެ މެމްބަރު އަސްލަމް ވިދާޅުވީ މީގެ ކުރިންވެސް އެ މައްސަލަ މަޖުލީހަށް ވައްދައިގެން ކުރިއަށް ނުދިޔައީ އެޖެންޑާ ނުކުރެވިގެންނާއި މިނޫންވެސް ތަފާތު ބަހަނާތަކެއް މަޖުލީހުގެ އިދާރާއިން ދައްކައިގެން ކަމަށެވެ.
ކުރިން ފަހަރުތަކުގައި މި މައްސަލަ ވެއްދީމާ ނަޝީދު އިސްކުރައްވަނީ ގަދަ ބާރުންވެސް އެ ގޮނޑީގައި އިނުން ކަމަށާއި، އޭރު ދައްކަމުންދިޔަ ބަހަނާތަކެއް މި ފަހަރު ނުދެއްކޭނެ ކަމަށެވެ. އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގަވައިދާ ހިލާފަށް މަޖުލިސް ހިންގަމުން ދިއުމެވެ. ސަރުކާރުން ފޮނުވާފައިވާ ބިލުތަކަށް އެއްވެސް ސަމާލުކަމެއް ނުދީ އެޖެންޑާވެސް ނުކޮށް ނަޝީދަށް ފެންނަ ގޮތަކަށް މަޖުލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ މައްސަލައެވެ. ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ގިނަ ބިލުތަކެއް އެޖެންޑާ ނުކޮށް، ވޯޓަށްވެސް ނާހައި ބެހެއްޓުމުން އާއްމު ރައްޔިތުންނަށް އެކަމުގެ ގެއްލުންވާ ކަމަށްވެސް އެމްޑީޕީން ފާހަގަކުރެއެވެ.
ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށެވެ. ނަޝީދު އިތުބާރު ނެތްކަމުގެ ވޯޓަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.