ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
މި މަސްދަޅުތައް ހަދިޔާކުރެއްވުމުގެ މަޤްޞަދަކީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫތު ދެއެވެ.
އިޒްރޭލުން ކެނޑިނޭޅި ދެމުންދާ ހަމާލާތަކުގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ގެދޮރު ގެއްލި، މިހާރު ދިރިއުޅެން ޖެހިފައިވަނީ ވަރަށް ނިކަމެތި ހާލަތެއްގައެވެ.
ގާޒާގެ ރަސްމީ ތަފާސް ހިސާބު ދައްކާ ގޮތުން ގާޒާ ގައި ދިރިއުޅޭ އާބާދީއަކީ 2.3 މިލިއަން މީހުންނެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ދިރިއުޅެނީ ރެފިއުޖީ ކޭމްޕު ތަކުގައެވެ.