މި ސަރުކާރުގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އާރުޓީއެލް ފެރީގެ ހިދުމަތް އިތުރަށް ފުޅާކުރަން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވުމުން އަމަލުކުރާނެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭގަ ބޭއްވި ޖަލްސާގައި ވަނީ އާރުޓީއެލް ފެރީއަށް އިތުރުކުރާނެ ހިދުމަތްތައްވެސް އިއުލާންކޮށްފައެވެ. މި ގޮތުން މިހާރު ފެރީގައި ހިދުމަތް ނުދެވޭ އަތޮޅުތައް މި އަހަރުގެ ތެރޭގައި ގުޅާލުމަށާއި ސިނާއީ ރަށްރަށާއި ރިސޯޓުތަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ދިނުމަށް ވަނީ ހިމަނާފައެވެ. މި ގޮތަށް ހަމަޖެއްސުމުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ފަސޭހަކަމާއި އެކު ރަށަށް އާދެވުމުގެ މަގު ފަހިވާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ. ހާއްސަކޮށް އެ އަތޮޅެއްގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އެ އަތޮޅުގެއް ރަށްރަށަށް ނިސްބަތްވާ މުއައްޒަފުން އޮފްޑޭތަކުގައި ރަށަށް އައުމަށް އިތުރު ލުއި ފަސޭއަކަށް ވާނެއެވެ.
މީގެ އތުރުން ކާގޯ ޕޯސްޓު އުފުލުމަށް ކުދި ލަގެޖް އުފުލުމުގެ ހިދުމަތްވެސް މެނިފެސްޓީގައި ވަނީ ހިމަނާފައެވެ. މި ހިދުމަތްވެސް ދޭނީ އާރުޓީއެލް ފެރީ ނިޒާމު މެދުވެރިކޮށެވެ.




