އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ، އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގުރޫޕުގެ ބެލުމުގެ ދަށުން އުމްރާއަށް ގޮސް އުޅުނު، ގއ. ކޮލަމާފުށީ, ގަސްދޮށުގެ މުޙައްމަދު ޒަކީ, 83, އެވެ.
ޒަކީ މަރުވިކަން ހާމަކޮށް އަލް ބުރޫޖް ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމާޢަތުގެ ޙަވާލުގައި ރަމަޟާން މަހު ޢުމުރާއަށް ދިޔަ މުޙައްމަދު ޒަކީ ރޭ މައްކާ ގަޑިން 12 ޖަހާ އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ.
މަރްޙޫމް ޒަކީ މަރުވެފައި ވަނީ، މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަކުރުމަށްފަހު މި ދަތުރުގައި އިތުރު ޢުމުރާއެއް ކުރުމަށް މަދީނާގެ މީޤާތު ޛުލް ޚުލައިފާއިން އިޙްރާމް ބަނދެގެން އައިސް މައްކާގެ ހޮޓަލަށް އާދެވުނުތާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައިކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.
މި ދަތުރުގައި ޒަކީއާއެކު އޭނާގެ ޢާއިލާގެ މެމްބަރުންގެ ތެރެއިން އަންހެނުންނާއި ދެ ފިރިހެން ދަރީންނާއި އަންހެން ރައިއެއްގެ އިތުރުން ދެ ދަނބިދަރިން ބައިވެރިވިކަން އަލް ބުރޫޖު ޖަމާއަތުން ހާމަކޮށްފައިވެއެވެ.
ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ އެހީތެރިކަމާއެކު، ޖަނާޒާގެ ކަންކަން މިއަދުގެ މެންދުރު ނަމާދަށްފަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.