އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައިހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ފަންޑު ރެއިޒިންގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.
އަމިއްލަ ފަރާތްތަކެއް އިސްނަގައިގެން ބާއްވާ މި ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ރުއްގަނޑު ޕާކު 1 ގައި އެދުވަހު ހަވީރު 4.00 އިން 6.00އަށެވެ. އަދި ރޭގަނޑު 8.00 އިން 10.00 ޖަހަންދެން ކުރިއަށް ގެންދާނެއެވެ.
މި ފަންޑް ރެއިޒިން އިވެންޓު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ’މުރާސިލަށް‘ މައުލޫމާތު ދެމުން ވިދާޅުވީ މި ހަރަކާތުގެ ތެރެއިން، އެކި ބާވަތްތަކުގެ ސްނެކްސް، ކަޕްކޭކްސް ފަދަ ތަފާތު ތަކެތި ގަންނަން ލިބެން ހުންނަ އިރު, ރޭގަނޑު ގަޑީގައި ޑިނާ ޕެކް ވެސް ލިބެން ހުންނާނެއެވެ. އަދި ހަމަ އެހެންމެ ހަރަކާތުގެ ތެރެއިން ޖަމްބަލް ސޭލްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސޭލްގައި ވިއްކުމަށް ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
”މި އިވެންޓު އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ އާބަންކޯ އާއި އައިއޭސީގެ ފުލް ސަޕޯޓް އާއި އެކު. ހަރަކާތުގެ ތެރެއިން ކާބޯތަކެތި ވިއްކުން ފަދަ ކަންކަން ކުރިޔަށް ދާނެ ހަވީރު އަދި ރޭނގަޑު ވެސް. އެގޮތުން ހަވީރު ވިއްކާ ކާތަކެއްޗާ ރޭނގަޑުގެ ޑިނާ ޕެކް ތައްޔާރު ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި. އެބޭފުޅުންނަށް އަޅުގަނޑުމެން ދޭނަން ކައްކަން ބޭނުންވާ ތަކެތި ވެސް. ދިނީމާ ކައްކާލައިގެން ގެންނަންވީ. އަދި އިވެންޓް ކުރިއަށް ދާއިރުވެސް ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލެވިފައި ވަނީ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެހީވާން ބޭނުންވާ ފަރާތްތަކުން އަޅުގަނޑުމެންނާ ކޮންޓެކްޓް ކޮށްލުމަށް“ ހަރަކާތް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެއްވިއެވެ.
މި އިވެންޓުގައި ބައިވެރިވުމަށް، އެއްވެސް އެއްޗެއް ހަދިޔާ ކުރަން، ކެއްކުމުގައި އެހީވާން އަދި ހަރަކާތް ކުރިއަށްދާއިރު ވޮލަންޓިއަރުންގެ ގޮތުގައި އެހީވާން ބޭނުންވާ ހުރިހާ ފަރާތްތަކަކުން 9574014 އަށް ގުޅުމަށް އެފަރާތުން ވަނީ އެދިފައެވެ.
މީގެ އިތުރުން އެފަރާތުން ވިދާޅުވީ، މި ހަރަކާތުން ލިބޭ ހުރިހާ ފައިސާ އެއްވެސް ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އައިއޭސީން ހުޅުވާލާފައިވާ ޣައްޒާ އެމެޖެންސީ ރިލީފް ފަންޑަށް ކަމަށެވެ. އެހެންކަމުން މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް އެފަރާތުން ވަނީ އެދިފައެވެ.
މިހަރަކާތުގައި އާބަންކޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް އެ ފަރާތުން ޝުކުރު އަދާކުރެއެވެ.