ނަޝީދަށް ހަމަލާ ދިނުމުގެ ފަހަތުގައި ސިޔާސީ ބަޔަކު ނުވަތަ މި ސަރުކާރުގެ ތެރެއިން ބައެއްގެ އަތެއް ވާނެ ކަމަށް ބުނެ ކުރަމުންއައި ތުހުމަތު އައްބާސް ފާއިޒު ދޮގު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ރާއްޖެ އިން ބޭރުގެ މަންދޫބު ގެ ހައިސިއްޔަތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ނުވަތަ ވާދަވެރިންގެ ފަރާތުންވެސް މިފަދަ ހަމަލާގެ ތުހުމަތު އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަމާޒުވި ކަމަށާއި ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތަކުންވެސް އަދި ސަރުކާރު ހިންގަން ތިއްބެވި ސިޔާސީ ފަރާތަކާވެސް މިކަމުގެ އެއްވެސް ގުޅުމެއް ނެތް ކަމަށް ހޯދި ހޯދުންތަކުން ސާބިތުވާ ކަމަށެވެ.
ނަޝީދުގެ ޓީމުން ތުހުމަތު ކުރަމުން އައީ އެމަނިކުފާނު އެމްއެމްޕީއާރުސީގެ ހިޔާނާތުގަ ހިމެނޭ މީހުންގެ ނަންތައް ހާމަ ކުރުމުން ކަމަށާއި ނަމަވެސް އައްބާސް ވިދާޅުވީ އެއީ މާ ކުރިން އެންމެންނަށް ވެސް ފެނިފައިވާ ލިސްޓެއް ކަމަށެވެ. އެ ލިސްޓުގައި އިތުރު ނަންތަކެއް ނުވަތަ އާ ވާހަކައެއް ނެތް ކަމަށާއި އެ ލިސްޓު ހާމަކޮށްގެން އިތުރު ކަންތައްގަނޑެއްވެސް ނުހިނގާ ކަމަށެވެ.
އައްބާސް ވިދާޅުވީ، މިހާތަނަށް ހޯދާފައިވާ ހުރިހާ ހޯދުމަކުން ވެސް ފެންނަން އޮތީ އެ ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބައެއް ކަމަށެވެ. ނަމަވެސް، މި ކަމުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ހަރުކަށި ފިކުރުގެ ގުރޫޕެއްގެ ބައިވެރިވުން އޮތް ކަން ފެންނަން ނެތް ކަމަށް އައްބާސް ވިދާޅުވި އެވެ.
އެމީހުންނަށް ހަރަދު ކުރީ ކޮންބައެއް ކަމަށް ދެކެވޭ ވާހަކައަށް އައްބާސް ވިދާޅުވީ ތަހުގީގުން ފެންނަން އޮތީ އެމީހުން އެކަން ކުރީ އެމީހުން އަމިއްލައެކަން ކުރަން ބޭނުންވެގެން ކަމަށެވެ. އެހެންކަމުން ހުރިހާ ހަރަދެއް ކުރީ އެމީހުންގެ އަތުން ކަަމަށެވެ.
”އެ މީހުން ސެލްގެ ބޭރުން އެއްވެސް ހަރަދެއް ކޮށްފައި ނުވޭ. ހަމަލާ ދިނުމަށް ބޭނުންކުރި ތަކެތި ގަނެފައިވާ ކަން އެ މީހުން އެކައުންޓުތަކުގެ ޓްރާންސެކްޝަނުން ފެންނަން އެބަހުރި. އެއީ ބޭރުން އައިސްފައިވާ ފައިސާއެއް ނޫން،“ އައްބާސް ވިދާޅުވި އެވެ.
އާއްބަސްގެ ހަމައެކަނި ކަންބޮޑުވުމަކީ މައްސަލަ ކުރިއަށްދާ ސްޕިޑާ މެދުގައެވެ. ކުރިމިނަލް ކޯޓުން ބުނާ ގޮތުން ތަނުގެ ޖާގައިގެ ދަތިކަމާ އެހެންވެސް ކަންތައްތަކާ ހުރެ މައްސަ ގެންަދަން ބޭނުންވާ ސްޕީޑަށް ނުގެންދެވެނީއެވެ. މިއަދުގެ ނިއުސް ކޮންފަރެންސްގައި އައްބާސް ގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމު ވެސް ބައިވެރިވެ ވަޑައިގަތެވެ.
އިނގިރޭސި ވިލާުތުގެ ގާނޫނީ ވަކީލެއް ކަމަށްވާ އާއްބާސް ފާއިޒަކީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތެކެވެ.