މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ޚާއްސަ ޖަލްސާއެއް ބާއްވައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ މަޖިލީހުގެ ރައީސް އަށް ދަންނަވައިފިއެވެ. އެކްސް ގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ކުށެއްނެތް އާއްމުންނާއި ހާއްސަކޮށް ކުޑަކުދިންނަށް ހަމަލާ ދެމުންދތާ އެތައް ދުވަހެއްވެފައިވާ ކަން ފާހަގަކުރައްވާފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމަކީ، މައްސަލައަކާއި ގުޅިގެން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމުގައި ކާމިޔާބު ނުވުމުން، ބާއްވާ ބައްދަލުވުމެކެވެ. ހާއްސަކޮށް އަމާންކަމާއި ސުލްހަ ގާއިމްކުރުމުގައި ސަލާމަތީ މަޖިލީހުން ނުކެޅެދުމުން، އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމުގެ އިހްތިޔާރު އދގެ 377 ވަނަ ގަރާރުގެ ދަށުން މެމްބަރުންނަށް ލިބިދެއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ރާއްޖެއިން ހުށަހެޅީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ގެ އިރުޝާދުގެ ދަށުން އެހެން ގައުމުތަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން އާންމު މަޖިލީހުގެ 10 ވަނަ އެމަޖެންސީ ކުއްލި ސެޝަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ހުށަހަޅާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، ފަލަސްތީނު ރައްޔިތުން އެމީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު ދެމި އޮންނާނެ ކަމަށެވެ.




