ރައްޔިތުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށް، ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލް ”ރައްޔިތުންގެ އަޑު“ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައިވަނީ މިރޭ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްދިޔަ ’އަހާ‘ ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގައެވެ.
”ރައްޔިތުންގެ އަޑު“ ޕޯޓަލްއަކީ، މި ހިނގާ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި މަސައްކަތެކެވެ.
”ރައްޔިތުންގެ އަޑު“ ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމުގައެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ޤާއިމުކުރަންކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމުގައެވެ. މީގެ އިތުރުންއެމަނިކުފާނު ވަނީ ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައި، މި ސަރުކާރުން މަސައްކަތްކުރައްވާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށްކަމުގައި ވިދާޅުވެފައެވެ.




