މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ސަރަހައްދުގައި ބުރިޖުއެޅުމުގެ މަސައްކަތްކުރާ ސަރަހައްދުގައި ކަނޑު ދަތުރުފަތުރު ނުކުރަން ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ރޭގައި އެ ސަރަހައްދުގައި ހިނގި ހިތާމަވެރި އެކްސިޑެންޓުގެ ހަބަރާއި ގުޅިގެން މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވީ މީގެ ކުރިންވެސް ވާނީ މި ސަހަރަހައްދުގައި ކަނޑުދަތުރުފަތުރު ކުރުން މަނާކޮށްފައެވެ. މީގެ އިތުރުން މިސަރަހައްދުން ދަތުރުކުރާ ކަނޑުގެ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްވެސް ހިފަހައްޓާނެ ކަމަށް މިނިސްޓަރުވަނީ ހަނދާންކޮށްދެއްވާފައެވެ.
ބުރިޖު އެޅުމުގެ ބޮޑު މަސައްކަތެއް ރެއާއި ދުވާލު ކުރަމުންދާއިރު އަދި ބުރިޖުގެ ބައެއް ބައިތަށް ފެނުންމަތީގައި ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކަށް ގެއްލުންވުމުގެ ފުރުސަތުބޮޑެވެ. ރޭގެ ހާދިސާގައިވެސް އަނަންތަރާ ރިސޯޓުގެ ލޯންޗެއްވަނީ އެ ސަރަހައްދުގައި (ބުރިޖުގެ މަސައްކަތް) ކުރަމުންދިޔަ މުއައްޒަފުން ތިބި ލޯންޗެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި ހާދިސާގައި ބުރިޖުގެ މަސައްކަތުގައި ހަރަކާތްތެރިވި 10 މުއައްޒަފުންނަށް އަނިޔާވެ 2 މީހަކަށް ފަުވާދެނީ އައިސީޔޫގައެެވެ. އެ ދެ މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.
މީގެ ކުރިން ބުރިޖު އަޅާ ސަރަހައްދުގައި މެރިން ޕޮލިސް ހަރަކާތްތެރިވިޔަސް ސަރުކާރު ބަދަލުވި ފަހުން އެ ސަރަހައްދު ބެލެހެއްޓުން ވަނީ އެއްކޮށް ދޫކޮށްލާފައެވެ. މި މައްސަލަވަނީ މީގެ ކުރިންވެސް ސޯސަލް މީޑިއާގައި ބައެއް އާއްމުން، މެރިން ޕޮލިހާއިސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ.