މާލޭގައި ދުއްވޭނެ ވެހިކަލުތަކުގެ ވަކި އަދަދެއް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭޣައި ކަނޑައަޅަން ހަމަޖެހިފައިވާ ކަމަށް މޭޔަރު އާދަމް އާޒިމު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މޭޔަރިުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީއާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ހޯމް މިނިސްޓަރު އިހުސާންއާއެކު މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
”ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ އަދަދު ކަނޑައެޅޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ“ އާޒިމް ވިދާޅުވިއެވެ.
މޭޔަރުކަމުގެ ކެމްޕެއިންގައި ދޮރުން ދޮރަށް ހިންގެވިއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގަރާޖު ސިޓީއާއި ޕާކިން ލޮޓްތަކުގެ މައްސަލަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެކަމަށްވެސް އެދެވޭ ހައްލުތަކެއް ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މާލޭގެ ޖާގައަށް އެކަށީގެންނުވާ އަދަދަކަށް ވެހިކަލު ދުއްވާ މައްސަލަ މީގެ ކުރިންވެސް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. މާލެ ފަދަ މީހުން ގިނަ، ތޮއްޖެހިފައިވާ ކުޑަ ތަނަކާ ނުބައްދަލު ވެހިކަލު ގެންގުޅޭ ކަމަށް ބޭރުގެ ބައެއް ފަރާތްތަކުންވެސް ފާހަގަކުރެއެވެ. ހިނގާފައި ދެވޭ ކައިރި ހިސާބުތަކަށްވެސް ވެހިކަލު ބޭނުން ކުރަމުންދާއިރު އާއްމުންގެ ވިސްނުން އަދިވެސް އެފަދަ ކަންކަމާ ސަމާލުކަމެއްދޭތަނެއް ނުފެނެއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެހިކަލުގެ ކޮންޓްރޯލެއް ގެންގުޅޭއިރު ބައެއް ވެހިލަކުތައް ދުއްވޭނެ ހަފްތާގެ ވަކި ދުވަހެއްވެސް ކަނޑައަޅާފައި ހުރެއެވެ.