ޕީޕީއެމް ގެ އިސްވެރިންނަށް ނޭންގި ރޭ ބޭއްވި ޕްރެސް ކޮންފަރެންސާއި ގުޅިގެން ޕީޕީއެމް ގެ ހުރިހާ ހަރަކާތްތަކުން މަލީހު ޖަމާލު ސަސްޕެންޑުކޮށްފިއެވެ.
ވެރިކަންކުރާ ކޯލިޝަން ޕީޕީއެމް ގެ ނައިބް ރައީސް އަހުމަދު ޝިޔާމު ސޮއިކުރައްވާ މަލީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ މިއަދުން ފެށިގެން ޕީޕީއެމް ގެ ހުރިހާ ހަރަކާތްތަކުންސަސްޕެންޑުކޮށްފައިވާ ކަމަށާއި މަލީހުގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުފާއިވާ ކަމަށެވެ. މީގެ އިތުރުން ޕާޓީ ބައިބައިކޮށް ނިކަމެތި ކުރުމާއި ފިތުނަ އުފެދޭ ގޮތަށް މަލީހު މަސައްކަތް ކުރާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
މަލީހު އިސްވެ ހުރެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސަކީ ޕީޕީއެމް ގެ ވެރިންނަށް ނޭންގި ބޭއްވި ބައްދަލުވުމެއްކަމަށް ވެއެވެ. ނަމަވެސް މަލީހު ބުނެފައިވަނީ ރޭގެ ޕްރެސް ކޮންފަރެންސް ބޭއްވީ ޕީޕީއެމް ގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ އިރުޝާދުން އެ މަނިކުފާނަށް ލިބިފައިވާ ބާރުގެ ދަށުން އެކުލަވާލައިފާ ސްޓްރީއަރިން ކޮމެޓީގެ ފަރާތުން ބޭއްވި ބައްދަލުވުމެކެވެ. ޕީޕީއެމް ގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު އަދި މި ސަރުކާރުން ސްޕޯޓްސް ކޮމިޝަނަރު ގޮތުގައި އައްޔަންކޮށްފައިވާ ޕީޕީއެމް ގެ ސެކްރެޓަރީ ޖެނެރަލް ތޮލާލަށް ވަގުތު ނުދެވޭތީ ޕީޕީއެމް ގެ ހަރަކާތްތައް ދުވަހުން ދުވަހަށް ރާވާ ކުރިއަށް ގެންދިއުމަށް ސްޓްއަރިން ކޮމެޓީއަކާ ހަވާލުކޮށްފައިވާ ކަމަށާއި ރޭގައި ބޭއްވި ބައްދަލުވުމަކީ އެ ކޮމެޓީގެ ކަންބޮޑުވުންތަކާއި މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް މި ފަދަ ކޮމެޓީއެއް ހެދުމުގެ ބާރެއް ނެތް ކަމަށް ނައިބު ރައީސުންނާއި ސެނެޓުގެ ބައެއް މެމްބަރުން ގަބޫލުކުރެއެވެ. ސަބަބަކީ ހުކުމެއް ތަންފީޒު ކުރަމުންދާތީ، ޖަލުތަކާއި ޕޭރޯލުގެ ގާނޫނު ބުނާގޮތުން އެފަދަ ފަރާތަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރުކަން ފިޔަވައި އެހެން މަގާމެއް އަދާ ނުކުރެވޭނެއެވެ