ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށައަޅުއްވައިފިއެވެ.
މިއަދު މުލިއާގޭގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު ކުރިއށްދިޔަ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށައެޅުއްވި ގޮތަށް އެ ބޭފުޅުންނަށް ރުހުން އޮތްކަމަށް ވަނީ ފާސްކޮށްފައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސީނިއަރ ޕޮލިޓިކަލް އެޑްވައިޒަރުގެ އިތުރުން އަބްދުއްރަހީމަކީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއްބޭފުޅެވެ.
އހުމަދު ނާޒިމަކީ މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ސިޔާސީ ތަޖުރިބާހުރި މެންބަރެކެވެ. އެ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާ ތަމްސީލުކުރެއްވި ނާޒިމަށް ގޮނޑި ގެއްލުނީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.
މަޖިލީސް ހުވާކުރުން މިމަހުގެ 28 ވަނަ ދުވަހު (އަންނަ އަންގާރަ ދުވަހު ) އޮންނާނެއެވެ. ހުވާ ކުރުމަށް ފަހު، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓެއް ނެގުމެވެ.