މާލޭ މަގުމަތީގައި އިޖުތިމާއި މިންގަނޑާއި ހިލާފަށް އަމަލުތައް ބެހެއްޓި މީހެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ރޭ ސޯސަލްމީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯގައި ފެންނަ މަންޒަރުތަކުން އާއްމުންގެ ފާޑުކިއުން އަމާޒު ވުމުން ފުލުހުން ބުނެފައިވަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އޮތް ނަމަ ފުލުހުންނާ ހިއްސާ ކުރުމަށެވެ.
އެ ވީޑިއޯގައި ފެންނަނީ ޕިކަޕެއްގެ ފަހަތުގައި ހުރި މީހަކު، ފަހަތުން އައި ސައިލެއްގައި އައި އަންހެނަކަށް ފޫކޮޅުދައްކާ ނަށާ މަންޒަރެވެ. ވަކި ހިސާބަކުން ލައިގެން ހުރި ޖިންސު ތިރިކޮށްގެންވެސް އެ މަންޒަރު އައި ތަކުރާރު ކުރަމުންނެވެ. ވީޑިއޯ ނިމޭިއިރު އެމީހާގެ ޖިންސު ތިރިކުރިޔަސް އަޑިން ލައިގެން ހުރި ސޯޓެއް ކަހަލަ އެއްޗެއްގެ ސަބަބުން ބަރަހަނާވީ ކަމަކަށް ނުބެލެވެއެވެ.
މުރާސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ލިލީ ސްޓޯރުގެ ޕިކަޕެކެވެ. ބެލެވޭ ގޮތުގައި އެ ޕިކަޕުގައި އިތުރު ބަޔަކު ތިބިއިރު އެއީ އެތަނުގެ ބިދޭސީ މުއައްޒަފުންނެވެ. އެމީހާ އެ އަމަލު ހިންގަމުންދިޔައިރު މަގުމަތީ ތިބި މީހުންވެސް އަދި ޕިކަޕުގައި ތިބި މީހުންވެސް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.