ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ސައިޓަކުން ގޭސް ފުޅިއެއް ގޮވައި ދެމީހުން ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވީ އެރަށު އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ ދެ ބިދޭސީ ފިރިހެނުންނެވެ.
މި ހާދިސާ ހިނގީ އެރަށު ބަނދަރުމަތީ ގައި ހުންނަ މަސް މާރުކެޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް އެރަށުން މައުލޫމާތުދެއެވެ.
ސޯސަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުންނާއި އަދި މަންޒަރު ދުށް މީހުން ބުނާގޮތުން އެ ހާދިސާގައި ދެ މީހުންގެ ހަށިގަނޑުވެސް ވަނީ ވަރަށް ބޮޑަށް ޒަހަމުވެފައެވެ. ހަށިގަނޑުގެ ބައެއް ގުނަވަންތައްވެސް މި ހާދިސާގައި ވަނީ ވަކިވެ ކުދިކުދިވެފައެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މަކުނޫގައި ހިނގި ހާދިސާގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ކުރިއަށްދާ ކަމަށާއި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
މަކުނުދޫގެ އެއަރޕޯޓު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނާއި ބޭރުގެ ކުންފުންޏަކާ ގުޅިގެންނެވެ. މި ހާދިސާގައި އެ ކުންފުނީގެ ބަހެއް ހޯދަން ކުރިމަސައްކަތުން އިތުރު މައުލޫމާތެއް ނުލިބެއެވެ.