ހުޅުމާލެ ތިނެއްގެ ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކާ ނިމިއްޖެއެވެ. ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވަނީ 10 ހެކްޓަރެވެ.
ބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާޅެ ތިން ވަނަ ފިޔަވަހިން ހިއްކާ ފުރަތަމަ ބައި ކަމަށްވާ ’ސައިޓް އޭ‘ ހިއްކުމަށް ފަހު، ސައިޓް ބީ ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އާބަންކޯއިން ވަނީ ސައިޓް ބީ ހިއްކުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ސަރަހައްދުގައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް އެދިފައެވެ.
ސައިޓް އޭ ހިއްކުމުގެ މަސައްކަތް ނިންމަން މީގެ ކުރިން ދީފައި އޮތް ތާރީޚަކީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް އެ ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއްގެ ސަބަބުން މަސައްކަތް ލަސްވީ ކަމަށް އާބަންކޯއިން މީގެ ކުރިން ބުނެފައިވެއެވެ.
ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްކަމަށްވާ މާލެއިން ގޯތި ދިނުމަށް ބިން ބޭނުންވާތީ ހުޅުމާލެއިން އިތުރަށް ހިއްކަން ޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.