ކޮވިޑުގެ ދަތި ދުވަސްވަރު ވަރަށް ގިނަ ވިޔަފާރިތަކަށް އަސަރުކުރި ކަމަށާއި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ގެއްލުންވުމުން އެކަމުން އަރައިގަތުމަށް އެހީތެރިކަމެއްގެ ގޮތުގައި ދޫކުރީ އެސްއެމްއީ ލޯނުތަކުގެ ޖުރިމަނާ މާފުކޮށްދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާލޭ ހުވަދޫ ޖަގަހަ ސަރަހައްދު ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަށް ބުރުގެ ކެމްޕޭނު ހަރަކާތެއްގައި ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ސަރުކާރުން ދޫކުރި ލޯނުން އިންޓަރެސްޓް ކަނޑާލައި، އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމަށް ނިންމެވީ ޑޯޓުޑޯގެ ތެރެއިން އެ ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުމާއި، އޭގެން ނަގާ އިންޓަރެސްޓް ކަނޑާލުމަށް ބައެއް މީހުން އެދުމުން ކަމަށެވެ.
”އިރާދަކުރެއްވިއްޔާ އެ ނިންމުމާ އެއްގޮތަށް އެސްޑީއެފުން ނަގާފައި ހުރި ލޯނުގެ އިންޓަރެސްޓް ދެން ތިބޭފުޅުން ދައްކާކަށް ނުޖެހޭނެ. އަދި މިހާތަނަށް އިންޓަރެސްޓް ދައްކާފައި ތިބި މީހުންނަށް އަނބުރާ އެ ފައިސާ އަޅުގަނޑުމެން ދޭނަން. އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު މިހާރު އޮތް ދިހަ އަހަރު އިތުރަށް އަޅުގަނޑުމެން ދަންމާލާނަން،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަންކަން އެމަނިކުފާނަށް ކޮށްދެވޭނީ ވެރިކަމުގައި ހުންނަވައިގެން ކަމަށާއި އެހެންކަމުން ރައްޔިތުން އެކަމާ ވިސްނެވުމަށް ފަހު ދެވަނަ ބުރުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.