ހިންދޫ އަޅުކަމެއް ކަމަށް ބެލެވޭ ކަމެއް އައްޑޫގައި ބަޔަކު ކުރަމުންދާ ކަމަށް ބުނެ ޑރ. މުއިއްޒުގެ ކެމްޕޭނު އޮފީހުން ފަތުރަމުންދާ ފޮޓޯ ތަކަކީ ރާއްޖޭގެ މަންޒަރުތަކެއް ނޫން ކަމަށާ އެއީ މޮރިޝަސްގައި އޮތް އެފަދަ އިވެންޓެއް ކަމަށް އައްޑޫއިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވެއްޖެއެވެ. މުއިއްޒު ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މިދުއަމް ސޯސަލް މީޑިއާގައި ބުނެފައިވަނީ ’ގަން ޕައްޓި‘ ނަމުގައި އައްޑޫގައި ހިންދީންގެ އަޅުކަމެއް ކުރި ކަމަށާއި އެކަން ބަލައި ދިނުމަށެވެ. އޭގެ ފަހުން ސޯސަލް މީޑިއާއިން ވަނީ ޕީޕީއެމް އާއި ޕީއެންސީ އަދި މުއިއްޒުގެ ކެމްޕޭނު ޓީމުތަކުން މި ފޮޓޯތަކުގައި ކުރަމުންދާ ކަމަކީ އައްޑޫގައި ހިނގަމުންދާ އަޅުކަމެއް ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. މި ފޮޓޯތަކަށް ކޮމެންޓުކުރި އާއްމުންވަނީ މިފަދަ ދޮގު ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށް މިއީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެފައެވެ.
އައްޑޫ ކައުންސިލުގެ ބޭފުޅަކުވެސް ވިދާޅުވީ އައްޑޫ ސިޓީގެ ނަމުގައި މުއިއްޒު ކެމްޕޭނު ޓީމުން މިއަދު ފެތުރި ދޮގު ހަބަރަކީ ޑރ.މުއިއްޒަށް ފުރަތަމަ ބުރުގައި ވޯޓުލީ އައްޑޫ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށާއި، އެމީހުން ގެ ބޮލުގައި ލަދުވެރި ބަދުނާމެއް އަޅުވަން ދައްކާ ވާހަކައެއް ކަމަށެވެ. އައްޑޫ ފަދަ ތަނެއްގައި މިފަދަ ހަރަކާތެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ހިނގާކަމަށް ބެލެވުނަސް ހުއްޓުވާނެ ކަމަށެވެ. މުއިއްޒަށް ސަޕޯޓުކުރާ އަދި ޕީޕީއެމް މެމްބަރުންވެސް ތިބި ތަނެއްގައި އެ ރައްޔިތުންވެސް ނުދައްކާ ވާހަކައެއް އެހެން ބަޔަކު ދައްކައިގެން އައްޑޫ ބަދުނާމު ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
މޮރިޝަސްގެ މި އިވެންޓުގެ މައުލޫމާތާއި ފޮޓޯތައް ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ސޯސަލް މީޑިއާއަށް ލުމުން އެކަމާ ބެހޭ ގޮތުން މުއިއްޒު ކެމްޕޭނު އޮފީހުން ވަކި އެއްޗެއް ފަހުން ބުނެފައިނުވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގައި ރައީސް ސޯލިހާއި މުއިއްޒުގެ ކުރިމަތިލުމަކަށް ގޮސްފައިވާއިރު ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި އެންމެ ހޫނު ކޮށް ދެކެވޭ ވާހަކައަކީ ދޮގު މައުލޫމާތާއި ދޮގު ހަބަރުތައް އާއްމުންނަށް ބުނެދެމުންދާ މައްސަލައެވެ. މި ގޮތުން ވ،ރަކީދޫއާއި އއ ތޮއްޑޫގައިވެސް އިންޑިޔާ ސިފައިން ތިބޭ ކަމަށްބުނެ މުއިއްޒު ކެމްޕޭނު އޮފީހުގެ މީޑިއާއިން ފެތުރި ހަބަރުތައް އެ ރަށްރަށުގެ މުއައްސާ ތަކުން ވަނީ ދޮގުކޮށްފައެވެ.
ފުރަރަމަފެތުރި ދޮގުޚަބަރުން ބެބޫ ހެދުނީމަ ދެން ވަނީ މިގޮތް.