ދީނީ ދަރުސްތައް ދިނުމުގައި އާއްމުންގެ ސަމާލުކަން ހޯދާއިފާ އާދަމް ޝަމީމުގެ ތާއީދު އިޒްރޭލަށް އޮތްކަން ހާމަކޮށްފިއެވެ.
އިރާނާއި އިޒުރޭލުގެ މެދުގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އާދަމް ޝަމީމު ބުނެފައިވަނީ އިރާނަކީ މުސްލިމު ގައުމެއްނޫން ކަމަށާއި އިރާނުގައި މިވަގުތު އޮތް ސަރުކާރަކީވެސް އިސްލާމީވެރިކަމެއް ނޫން ކަމަށެވެ. އިސްލާމީވެރިކަމެއް ނެތް ގައުމެއްގެ އިތުރުން އިރާނު ސަރުކާރާއި އެ ގައުމުގެ ވެރިންނަށްވެސް އާދަމް ޝަމީމު އަންނަނީ ތަކުރާރުކޮށް ފާޑުކިޔަމުންނެވެ. އިރާނުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވުމާއި ފަލަސްތީނާއި ލުބުނާނު އަދި ޔަމަނުގެ ހަނގުރާމަވެރިންނަށް ހަތިޔާރުދީ އިޒްރޭލަށް ހަމަލާދެނީ ފަލަސްތީނުގެ ދިފާއުގައި ނޫންކަމަށްވެސް އާދަމް ޝަމީމު ބުނެފައިވެއެވެ. އާދަމް ޝަމީމު ބުނެފައިވަނީ އިޒްރޭލުން އިރާނަށް ހަމަލާ ދެނީ އެ ގައުމުގެ ދިފާއުގައެވެ. ނުވަތަ އިރާނުގެ އަމަލުތައް ހުރިގޮތުން ކަމަށް ބުނެއެވެ. އިރާނުގެ ވެރިކަން ބަދަލު ވުމަށް އާދަމް ޝަމީމު ތާއިދު ކުރާތީ މި ހަނގުރާމައިގައި އޭނާގެ ތާއިދު އޮތީ އިރާނަށް ހަމަލާދޭ މީހުން (އިޒްރޭލަށެވެ) މީގެ އިތުރުން ދިވެހިން ހައްދެއް ނެތި، ޖަޒުބާތުގައި ޖެހިގެން އިރާނަށް ތާއިދު ކުރާކަށް ނުޖެހޭ ކަމަށްވެސް އާދަމް ޝަމީމު ފާޅުގައި އަންނަނީ ވަކާލާތު ކުރަމުންނެވެ.
އާދަމް ޝަމީމުގެ މި ވާހަކައަށް ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިންނާއި އަދި އާއްމުންވެސް އަންނަނީ ފާޑުކިޔަމުންނެވެ. އިރާނުން ދީނީ ގޮތުން ގަބޫލުލުކުރާ ކަންތައްތައް މާބޮޑުކޮށްލައިގެން އެކަމާ ބެހޭގޮތުން ވާހަކަދައްކަނީ މި ހަނގުރާމައިގަ އިޒްރޭލަށް ގެއްލުންވާތީ ކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަނެއް ބަޔަކު ބުނަނީ އިރާނުގައިވެސް ތިބީ މުސްލިމުން ކަމަށާއި ޝަހާދަތްކިޔައި ނަމާދުކޮށް އަދި ހެއްދެވި ފަރާތަކީ މާތްﷲ ސުބުހާނަހޫ ވަތައާލާ ކަމަށް އެމީހުން އެއްބަސްވާ ކަމަށެވެ. މަޒުހަބީ ހިލާފުތަކުގައި އެއްބަޔަކު އަނެއް ބަޔަކު ކާފަރުކުރަން އާދަމް ޝަމީމަކީ ކާކުތޯވެސް އަންނަނީ ސުވާލު ކުރަމުންނެވެ. މީގެ އިތުރުން ސުންނީ މުސްލިމުން ކަމަށް ބުނާ އެތައް އަރަބި ގައުމުތަކެއްގެ ވަށައިގެން އޮތް ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާއަށް އެއްވެސް ކަމެއް ނުކޮށްދެވޭއިރު، އިރާނުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އެމީހުން މިނިވަންކަމަށްޓަކައި ވަމުންދާ ގުރުބާނީ އަށް މަލާމަތް ކުރުމުގެ ގޮތުން އެއީ ’އިސްލާމީ ވެރިކަމެއް ނޫން‘ ކަމަށް ބުނެ ވާހަކަ ދައްކަނީ އެއީ ޔަހޫދީންވެސް ބޭނުންވާ ގޮތް ކަމަށެވެ.
އާދަމް ޝަމީމު އާއްމުންގެ ސަމާލުކަން ހޯދީ ރައީސް ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕާޓީ އަދި އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީއާ ދެކޮޅަށް ދެއްކި ވާހަކައިގެ ސަބަބުންނެވެ. ދީނުގެ ނަމުގައި އަދި ކުރިން އިސްލާމުންވެރިކަން ކުރި އަންދަލޫސްގެ މިސާލު ބޭނުންކޮށްގެން އާދަމް ޝަމީމު ބުނެފައިވަނީ އެމްޑީޕީގައި އުޅެނީ ލާދީނީ މީހުން ކަމުގައެވެ. އެ ފަހަރުވެސް އާދަމް ސަމީމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.
ދާދީ ފަހުން ނިޔާވި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) ނިޔާވުމުން އެކަމާ ގިނަ ބަޔަކު ހިތާމަ ފާޅުކުރުމުން، އެކަމާވެސް އާދަމް ޝަމީމުވަނީ ފާޑުކިޔާފައެވެ.
ބައެއް އާއްމުން ތުހުމަތުކުރާ ގޮތުގައި އާދަމް ސަމީމަކީ ސީރިއާއަށް ޖިހާދަށް މީހުން ފޮނުވައި އެކަމުގައި ހަރަކާތްތެރިވި ފަރާތެކެވެ. ސީރިއާއަށް ގޮސް އޭރު ސީރިއާގައި ހަނގުރާމަކުރަމުންދިޔަ ޓެރަރިސްޓުންނާ ބައްދަލު ކުރި ފޮޓޯ ސޯސަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ސީރިއާ ގެ މިހާރު އުފެދިފައިވާ ސަރުކާރާކީ އާދަމް ސަމީމުމެން ތާއިދު ކުރި ވެރިންނެވެ.
ސީރިއާއިން އަންނަނީ އިރާން އިޒްރޭލު ހަނގުރާމައިގައި ފާޅުގައި އިޒްރޭލަށް ތާއިދު ކުރަމުންނެވެ. އެގައުމުގެ އެއްގަމާއި ކަނޑު އަދި ވައިގެ ސަރަހައްދުވެސް އިޒްރޭލު ބޭނުން ކުރުމަށް ވަނީ ހުޅުވާލާފައެވެ. އާދަމް ޝަމީމު އިޒްރޭލަށް ތާއިދުކުރަނީ މި ސަބަބަތަކާހެދި ކަމަށްވެސް ވެދާނެ ކަމަށް ބައެއް ޢާއްމުން ތުހުމަތު ކުރެއެވެ.




