ދިވެހި ސިފައިންގެ މުސާރަ ބޮޑުކޮށް އިތުރު ފްލެޓް އަޅައިދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހި ސިފައިންގެ ބޯހިޔާވަހިކަމަށާއި މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފަންނަށް ހުޅުމާލެ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ފްލެޓް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މިއަހަރު ބީލަމަށް ލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ، މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ޢަސްކަރިއްޔާގެ ތަރައްޤީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ޤާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުމާއި، އެންޓި-ޑްރޯން ސިސްޓަމްތައް ހޯދުން ހިމެނޭކަމަށާއި، ކޯސްޓްގާޑުގެ ޚިދުމަތްތަކާއި، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ޚިދުމަތްތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލްއާ، ސިފައިންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.