ގުޅިފަޅާއި ގިރާވަރު ފަޅުން ހިއްކައިގެން ދޫކުރަން ހަމަޖެހިފައިވާ ގޯތި ތަކަކީ މި ސަރުކާރުގެ ޕްލޭން ތެރޭގައި ނުހިމެނޭ ކަންތައްތަކެއް ކަމަށާއި، އެކަމަށް ބަދަލު ގެންނަވާނެ ކަމަށް ހައުސިން މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. އައު ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެން ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ 3، ގުޅިފަޅު، އަދި ގިރާވަރު ފަޅުން ދޫކޮށްފައިވާ ގޯތި ތަކަކީ މި ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ދޫކޮށްފައިވާ ގޯތި ތަކަކަށް ނުވާތީ، އެކަން ރިވިއު ކުރާނެ ކަމަށެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި މި ސަރުކާރުން އަމަލު ކުރާނީ އެއާއި އެއްގޮތަށް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ހައިދަރު ވިދާޅުވީ ފްލެޓް ދޫކުރުމުގައި ކުރީ ސަރުކާރުން ހަދާފައިބާ ފްލެޓު ލިބޭ މީހުންގެ ލިސްޓު ބަލައިނުގަންނާނެ ކަމަށާއި އެކަންވެސް ރިވިއު ކުރާނެ ކަމަށެވެ. ފުލެޓުތަކުގެ މައްސަލާގައި އޭސީސީންވެސް އަމުރެއް ނެރެފައިވާތީ އެކަން ކުރިއަށް ގެންދާއިރު އޭސީސީގެ ލަފާވެސް ހޯދާނެ ކަމަށާއި ޕޮއިންޓު ދީފައިވާ ގޮތާއި ފްލެޓު ދަފްތަރު އެކީގައި މި ސަރުކާރުން ރިވިއު ކުރާނެ ކަމަށްވެސް ޑރ.ހައިދަރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ 3، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. ހުޅުމާލެ 3 ފިޔަވައި އެހެން ހުރިހާ ބިމެއް ހުރީ ހިއްކާ ނިމިފައެވެ. މާލެ ރައްޔިތުންގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކަށް، ގޯތީގެ ލިއުން ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ކުރީ ސަރުކާރުން ފުރަތަމަ ނިންމާ 4000 ފްލެޓު ގެ ތެރެއިން އެ ފްލެޓުތަކުން ޖާގަ ލިބޭ ފަރާތްތަކަށްވެސް ވަނީ ފުލެޓް ލިބޭނެ ކަމުގެ ލިއުން ހަވާލުކޮށްފައެވެ. ގެދޮރުވެރިއާއި ބޯހިޔާވަހިކަމުގެ ސަރުތު ހަމަވި އެންމެންނަށްވެސް ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ބޮޑަށް އިސްކަންދެނީ ފުށިދިއްގަރު ފަޅު ހިއްކައި އެތަނުގައި މީހުން އާބާދު ކުރުމަށެވެ. ގުރޭޓަރ މާލެއިން މި ވަގުތު ބުރިޖުން ގުޅާލުމުގެ ޕްލޭން ތެރޭގައި ނުހިމެނޭ ހިސާބެއްގައިވާ މި ފަޅު ހިއްކައިގެން 40000 މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަމާއި ގެދޮރު ލިބޭނެ ކަމަށް، ރައީސް ޑރ.މުއިއްޒު ކެމްޕޭނުަގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ސަރުކާރުން މާލެ ޕޯޓު (އެމްޕީއެލް ސަރަހައްދު) އެއްކޮށް ގުޅިފަޅަށް ބަދަލު ކުރުމުގެ ޕްލޭނާއިވެސް ދެކޮޅެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނި އެމަނިކުފާނުގެ ސަރުކާރެއްގައި މާލެ ޕޯޓު އަޅާނީ ތިލަފުށީގައި ކަމަށެވެ. ނަމަވެސް ތިލަފުށީގައި ޕޯޓު ހަދާއިރު ބައެއް އަމިއްލަ ކުންފުނި ތަކެއްގެ ބަނދަރު ތަކެއް ހުރުމާއި އެފަރާތްތަކަށް ބަދަލު ދީގެން ނޫނީ ތިލަފުށީގައި ބަނދަރެއް ނުހެދޭނެ ކަމަށް ކުރީ ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.





ޚަނޑު ފަތާފައި ދާންޖެހޭ ކަމަށް ވާނަމަ، ތުލުސްދޫ އަައި ކާށިދޫ ތަރައްގީ ކުރަންވީ ނޫންހެއްޔެވެ؟ ތިޔަ އުޅެނީ މިކަންވެސް މުއިއްޒު ކުރަަށެވެ. ބޮޑު އިސްރާފެއް ފަށަނީއެވެ..
ui