ބޭރުގައުމުތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ބޮޑު އެހީތެރިކަމެއް މަދަދުވެރި ކަމެއްދޭ އަވައްޓެރި އިންޑީއާ އާއި ދެކޮޅަށް ކުރާ ކަންތައްތަކަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ނަޝިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސް ގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަވައްޓެރިއާ އަދި އެހީއަކަށް އެދެން އޮތް ގައުމު އިންޑިއާއަށް އިދިކޮޅަށް ކަންކަން ކުރުމަކީ ދިވެހިންނަށް އެކަމުގައި ރަނގަޅު ގޮތްތަކެއް ވާނެ ކަންކަމެއް ނޫން ކަމެވެ.
މިދިޔަ ހުކުރު ދުވަހުު ވެރިކަމާއި ހަވާލުވި ޕީޕީއެމް ޕީއެންސީއަކީ އިންޑިޔާއާއި ދެކޮޅު ޗައިނާގެ މަދަދުވެރިކަމުގައި ސިޔާސީ މަސައްކަތްކުރާ ބައެއްގެ ގޮތުގައި ވާދަވެރި ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ރައީސް މުއިއްޒުވެސް ވަނީ މީގެ ކުރިން ޕީޕީއެމުން އިންތިޒާމު ކުރި ’އިންޑިއާ އައުޓް‘ ކެމްޕޭނު ތަކުގައި އަމަލީ ގޮތުން އުޅުއްވާފައެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ރާއްޖޭގައި އިންޑިޔާ ސިފައިން ތިބޭނަމަ ފޮނުވާލާނެ ކަމަށްވަނީ ވައުދުވެފައެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ އިންޑިއާ ސިފައިންގެ އަދަދުތައްވެސް ވަނީ ހާމަކުރައްވާ އެމީހުން އަނބުރާ ގެންދިއުމަށް ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފައެވެ. މިއީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ހަރަކާތްތެރިވާ 77 އިންޑިއާ ސިފައިންނެވެ. މީގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަމުގައި ގެނައި 22 ސިފައިންނާއި، ރައީސް މުއިއްޒުވެސް ކެބިނެޓު މިނިސްޓަރުކަން ކުރެއްވި ރައީސް ޔާމީނު ވެރިކަމުގައި ގެނައި 44 ސިފައިން ހިމެނެއެވެ. މި ކަމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ ރާއްޖޭގައި އޮޕަރޭޓު ކުރާ ޑޯނިއާ އަދި ހެލިކޮޕްޓަރުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އިންޑިއާ ގެ އަސްކަރިއްޔާއިން ކަމަށްވާތީއެވެ. ރާއްޖޭގައި މި ތަކެތި ބަލަހައްޓަނީ ދިވެހި އަސްަކަރިޔާއާއި ގުޅިގެންނެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި އިންޑިއާއިން އެތެރެކުރާއިރު މި ތަކެއްޗަށް ހާއްސަ ކޯޓާއެއް އިންޑިއާ ސަރުކާރުން އަބަދުވެސް ރާއްޖެއަށް ދީފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން އިންޑިއާގައި ބޭސްފަރުވާއަށްދާއިރު ދާއިމީ ބަލިތަކަށް ބޭސްކުރުމާއި ކިޔަވާ ދިނުމަށް ދިގު މުއްދަތަށް އިންޑިއާގައި ދިވެހިން ދިރއުޅެއެވެ.




