މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މިދިޔަ މަހު (ޖުލައި 2023) ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ. އަވައްޓެރި އިންޑިޔާއިން ރާއްޖޭއަށް އެތެރެކޮށްފައިވާ މުދަލުގެ އަގު 724 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ ރާއްޖެއަށް އެތެރެކުރި މުދަލުގެ %15 އެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އާއްމުކޮށް ދިވެހިން ނުދާ ގައުމެއް ކަމަށްވާ އޮމާނުންނެވެ. މެދުއިރުމަތީގެ އަރަބި ގައުމެއް ކަމަށްވާ އޮމާނުން ރާއްޖެއަށް 667 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެއީ ރާއްޖެއަށް އެތެރެކުރި މުދަލުގެ %14 އެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނި ޗައިނާއިންނެވެ. އެގައުމުން 610 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެއީ ރާއްޖެއަަށް އެތެރެކުރި މުދަލުގެ %13 އެވެ. މީގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީން) 521 މިލިއަން ރުފިޔާގެ މުދާ އަދި މެލޭޝިޔާއިން 406 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
ޖުލައި މަހުގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެއީ 913 މިލިއަން ރުފިޔާ އެވެ. މެކެނިކަލް އަދި މެޝިނަރީޒް ފަދަ ތަކެތީގެ އަގު 878 މިލިއަނަށް އަރާއިރު ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ 842 މިލިއަން ރުފިޔާއެވެ.
މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކޮށްފައިވަނީ (ބޭރަށް ވިއްކާފައި ވަނީ) ތައިލެންޑަށެވެ. ބޭރު ކުރެވުނު މުދަލުގެ %35 ހިއްސާކުރާ ތައިލެންޑަށް 48 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. ދެވަނައަށް އެންެމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ އިނގިރޭސި ވިލާތަށެވެ. އެ ގައުމަށް 29 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ ޖަރުމަނުވިލާތަށެވެ. އެ ގައުމަށް 21 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. މީގެ އިތުރުން އިންޑިޔާއަށް 8 މިލިއަން އަދި ފްރާންސަށް 5 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ.
ރާއްޖޭއިން ބޭރުކޮށްފައިވަނީ މައިގަނޑު ގޮތެއްގައި މަހާއި މަހުގެ އުފެއްދުން ތަކެވެ.