އެމްއެމްޕީއާރުސީ ގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށްދޫކުރި ރ. ފުއްގިރި މައްސަލާގައި މިއަދަށް ތާވަލްކުރި އަޑުއެހުންވެސް ކެންސަލްކޮށްފިއެވެ.
ފުއްގުރި މަައްސަލާގައި މިހާރު ހިނގަމުން ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00އަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. މިމައްސަލައިގައި އިއްޔެވެސް އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރިނަމަވެސް ކްރިކް ރިޒާގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުން ބާއްވާފައެއްނުވެއެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންވަނީ ނުފޫޒު ބޭނުންކުރައްވައިގެން، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯއްވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެއެވެ.