މި އަހަރުގެ ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ކޯޓާ ދެވޭނެ ތިން ކުންފުންޏެއް ކަނޑައަޅައިފިއެވެ. މީގެ ކުރިންވެސް އިއުލާންކޮށްގެން ހުޅުވާލި ފުރުސަތުގައި ކުންފުނިތަކުން ހުށައެޅި އަގުތައް ބޮޑުވެގެން، އެ ބިޑުތައް ކެންސަލްކޮށް މި ފަހަރު ހުޅުވާލީ އަގުތައް ކޮންޓްރޯލްކޮށްގެންނެވެ. މި ކުންފުނިތަކަށް ހުއްދަ ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
ހުއްދަ ދިން ޖަމާއަތްތަކާއި އަގުތައް:
- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު – 75،250 ރުފިޔާ
- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑު – 75،465 ރުފިޔާ
- އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑު – 75،000 ރުފިޔާ
މި ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖަށް މީހުން ގެންދިއުމަށް ހަދާފައިވާ ގަވައިދު ހަނދާންކޮށްދީފައެވެ. މި ގޮތުން ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން ގިނަ ކޯޓާއަށް މީހުން ގެންދާނީ ހައްޖު ކޯޕަރޭޝަންއިންނެވެ. އަމިއްލަ ކުންފުނިތަކަށް ލިބިފައިވަނީ ކޮންމެ ކުންފުންޏަކަށް 90 ޖާގައެވެ.
ކޮވިޑާ ހެދި 2021 ވަނަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.




