ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ގަނޑުވަރަށް މިނިސްޓަރުގެ ފެންވަރުގައި ގ.ވަށަފަރު އިގްބާލު އާދަމް ހަމަޖައްސަވައިފިއެވެ.
ރައީސް ޑރ. މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ އިގްބާލު މީގެ ކުރިން ސިޔާސީ ގޮތުން މަސައްކަތް ކުރައްވާފައިވަނީ ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ގާސިމް އިބްރާހިމް ގެ ކެމްޕޭނުގައި ހަރަކާތްތެރިވުމަށް ފަހު ދެވަނަ ބުރު ތާއިދު ކުރެއްވީ ޑރ. މުއިއްޒަށެވެ.
މީގެ އިތުރުން މިނިސްޓަރުގެ ފެންވަރުގައި ކުރިން ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަދި ފޮރިން މިނިސްޓްރީގައިވެސް މަސައްކަތް ކުރައްވާފައިވާ މ.ކޮތަންމާގެ މުހައްމަދު ހުސެއިން ޝަރީފް ވަނީ ހަމަޖައްސަވާފައެވެ. މުހައްމަދު ހުސެން ޝަރީފަށް ދެއްވާފައިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ގެ މަގާމެވެ.