މާލެ ކައިރިން ފުނަދޫ އާއި ދޫނިދޫއާއި ދޭތެރޭ އޮޔާދަނިކޮށް ފެނުނު މީހަކީ ރަސްފަންނާ ދިމާ ކަނޑަށް ފުންމާލި މީހާގެ ހަށިގަނޑު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެމުން ބުނެފައިވަނީ އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، ރޭ 19:54 ހާއިރުއެވެ. މި ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ރެއިން ފެށިގެން ހަރަކާތްތެރިވެފައެވެ. މިގޮތުން، އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ.
މި މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށްކަމަށާއި އަދި ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:19 ހާއިރުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައިވާ ކަމަށްވެސް އެމްޑީއެފުން މައުލޫމާތުދެއެވެ.
މި މީހާއާއި ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އަދި ޕޮލިހުންގެ ފަރާތުންވެސް ހާމަކޮށްފައި ނުވެއެވެ. އަދި ރަސްފަންނާ ދިމާލުން މޫދަށް ފުންމާލި ސަބަބެއްވެސް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.