ރާއްޖޭގައި އަންސްކިލްޑް ލޭބަރސް ގެ ގޮތުގައި ބަނގުލަދޭޝްއިން އެކަނި ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުގެ ގަވައިދު ބަދަލުކޮށްފިއެވެ. މި ކުއްލި ބަދަލު ގެނައި ސަބަބެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން މައުލޫމާތެއް ނުދެއެވެ. ބިދޭސީ ލޭބަރުންގެ ކަންކަން ބަލަހައްޓަމުންދާ އިކޮނޮމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީން މި ކަމާ ބެހޭގޮތުން އިތުރު މައުލޫމާތެއް މިހާތަނަށް ނުދެއެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން ގެނެވޭނީ މި ވަގުތަށް ބަނގުލަދޭޝް ލޭބަރުން ކަމަށާއި، ނަމަވެސް އެހެން ގައުމުތަކުން ލޭބަރުން ގެނައުމަށް ފޯމް ޕްރޮސެސްކޮށްފައިވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބަނގުލަދޭޝް މީހުން އުޅޭ މައްސަލައިގައި މީގެ ކުރިންވެސް އެކިއެކި ފިޔަވަޅުތައް އަޅާފައިވިޔަސް މިހާތަނަށް އެދެވޭ ހައްލެއް ހަމައެކަނި ލިބިފައިވަނީ ކުރީ ސަރުކާރުން ބިދޭސީން ގެނެވޭނެ ވަކި އަދަދެއް ހަަމަޖެއްސުމުންނެވެ. އެ ގޮތުން ބަނގުލަދޭޝްއިން ގެނެވޭނެ ކަމަށް ބނެފައިވާ އަދަދަށް ރާއްޖެއަށް ލޭބަރުން ގެނެސްފައިވާތިވެ، މިހާތަނަށް އައީ އެ ގައުމުން އިތުރު ލޭބަރުން ނުގެނެވޭނެ ގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ މަހުގެ ތެރޭގައި މި އުސޫލު އުވާލައި ބޭނުން ވަރަކަށް ބަނގުލަދޭޝް ލޭބަރުން ގެނެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.