މޯލްޑިވްސް ޒަކާތު ހައުސް ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ. އެ އިދާރާހިނގަމުންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުންނެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ ”ދިވެހިރާއްޖޭގެ ޒަކާތު ހައުސް“ އެވެ.
”މޯލްޑިވްސް ޒަކާތު ހައުސް“ ގެ މަސައްކަތްތަކުގެ ތެރޭގައި:
-ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން.
-ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
-ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން.
-ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.