ހިޔާ މަޝްރޫއުގައި އެއް ކޮޓަރީގެ ފްލެޓްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ބުނެ، އެ ކެޓަގަރީތައް އުވާލަން ސަރުކާރުން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވަނީ ހިޔާ މަޝްރޫއު އިއުލާން ކުރިއިރު އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރަން ހަމަޖައްސާފައިވަނީ ސަރުކާރު ކުންފުނިތަކުން ހުޅުމާލޭ ފޭސް 2 ގައި އަޅާ ޓަވަރުތަކުން ބައެއް ފްލެޓް ގަތުމަށް ފަހު ކަމަށެވެ.
މިވަގުތު ގަންނަން ލިބެންހުރީ އެމްޑަބްލިއުއެސްސީން ސަރުކާރަށް ޚާއްސަކުރި 36 ފްލެޓެއް ކަމަށާއި އަދި، އެތަންތަން ދޫކުރާނީ އެޗް14 ކެޓަގަރީން ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބޭ އާއިލާތަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެއަށް ފަހު އެތަނުން ބާކީވާ ފްލެޓްތައް މާލޭގެ ރަށްވެހިންނަށް ޚާއްސަ އެޗް12 ކެޓަގަރީއަށް ދޭން ނިންމާފައިވާ އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވަނީ ސަރުކާރު ކުންފުނިތަކުން އަޅަން ނިންމާފައިވާ އެއް ކޮޓަރީގެ ފްލެޓްތަކުގެ ޓަވަރުތަކުން އިތުރު ފްލެޓްތައް ގަންނަން ލިބެން ނެތް ކަމަށާއި އެހެންވުމުން އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރާ ތިން ކެޓަގަރީ އުވާލަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.