ވިލިނގިލި، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް އާރްޓީއެލް ޓްރެވަލް ޕްލެޓްފޯމަށް ބަދަލުކޮށްފި އެވެ.
އެމްޓީސީސީިން ބުނީ މިއަދުން ފެށިގެން މާލެ-ވިލިމާލ،ެ މާލެ-ތިލަފުށ،ި މާލެ-ގުޅީފަޅ، އަދި މާލެ-ހުޅުމާލެ ފެރީ ޓިކެޓް އާރްޓީއެލް ޓްރެވެލް އެޕާއި ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އާރްޓީއެލް މޯބައިލް އެޕާއި ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓު ގަނެގެންނާއި ގްރޭޓާ މާލޭ ފެރީ ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިއުއާރް ޓިކެޓް ގަނެގެން ފެރީގެ ހިދުމަތް ހޯދޭނެ އެވެ.
ބީއެމްއެލް އާއި އެހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންޓެކްޓްލެސް ވިސާ ކާޑު، ކްރެޑިޓް، ޑެބިޓް އަދި މާސްޓާ ކާޑުން ޓާމިނަލްތަކުގައި ހަރުކޮށްފައި ހުރި ވެލިޑޭޓަރުތަކުގައި ޓެޕްކޮށްގެން ފެރީގެ ހިދުމަތަށް ފައިސާ ދެއްކޭނެ އެވެ.
މީގެ އިތުރުން ޓްރެވަލް އެޕުން އެއްފަހަރާ 10 ޓިކެޓާ ހަމައަށް ޓިކެޓް ގަނެވޭނެ ކަމަށާއި މިގޮތަށް ގަންނަ ޓިކެޓުން ސިންގަލް ޖާނީއަށް ގަންނަ އެންމެ ދަތުރެއްގެ ޓިކެޓު ހަތް ދުވަހުގެ މުއްދަތު ހަމަވަންދެން ބޭނުން ކުރެވޭނެ ކަމަށާއި ވިލިމާލެ އާއި ތިލަފުއްޓަށް ގަންނަ މަލްޓިޕަލް ޖާނީ ޓިކެޓް 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓިކެޓިންގެ ނިޒާމަށް ގެނައި ބަދަލާ ގުޅިގެން، ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭއިރު މި ކާޑުތައް ޓޮޕްއަޕް ކުރެވޭނީ ޑިސެމްބަރު 1 ގެ ނިޔަލަށް ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.