މާވަހަރާއި އެކު ފޮޓޯއެއް ނަގައި ސޯސަލް މީޑިއާއަށް ލުމަށްފަހު އެއީ އެ ފަރާތުގެ އެއްޗެއް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާއި އެކު ޖަހާފައިވާ ލިޔުމުގައި ވަނީ ހުޅުމާލެ ގޮނޑުދޮށުން ކުޑަކުއްޖަކު މާވަހަރެއް ހޮވައިފި ކަމަށެވެ. މި ކަމުގެ ހަގިގަތް ކިޔާދެމުން މާވަހަރު ހޮވި ފަރާތުން ބުނަނީ އެއީ އެ ކުއްޖާ ހޮވީ މާވަހަރެއް ނޫން ކަމަށެވެ.
މުރާސިލަށް މައުލޫމާތު ދެމުން މާވަހަރު ހޮވި އައިޝަތު ފަޒްނާ (ފަޒޫ) ބުނަނީ އެކަންވީ ގޮތަކީ މާވަހަރު ހޮވައިގެން ގެނެސް ދެއްކީ އެ ވަގުތު ކުޅެން ތިބި އޭނަގެ ދަރިފުޅާއި އަދި އެކީގައި ކުޅެން ހުރި ކުއްޖަކަށެވެ. މިއީ މާވަހަރެއްތޯ ޔަގީންކުރަން ހަދަން ޖެހޭނީ ކިހިނެތްތޯ އެހުމުން އެކުދިން ބުނީ މޫދަށް ލުމުން އެކަން ޔަގީން ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ހިފައިގެން މޫދަށް ގެންދިޔައީ އެ ދެކުދިންގެ ތެެރެއިން ދަރިފުޅުގެ ރަހުމަތްތެރިޔާއެވެ. އޭގެ ފަހުން އެ ކުއްޖާ (ފަޒޫގެ ދަރިފުޅާ އެކީ ކުޅެން ހުރި ކުއްޖާ) ފަޒޫމެން ދިރިއުޅޭ ގެއަށް އައިސް މާވަހަރާ އެއްކޮށް ފޮޓޯއެއް ނެގި އެވެ. އޭގެ ފަހުން އެ ފޮޓޯ ސޯސަލް މީޑިއާގައި ދައުރުކުރަން ފެށީ އެ ކުއްޖާގެ މާވަހަރެއް ކަމަށް ބުނެއެވެ. އެ ހިސާބުން ފަޒޫވެސް މަސައްކަތްކުރީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މާވަހަރު ހޮވި ފަރާތަކީ އަދި ވެރި ފަރާތަކީވެސް ފަޒޫ ކަމަށް ބުނެދިނުމަށެވެ.
މިމައްސަލާގައި އެ ކުއްޖާގެ މައިންބަފައިންވަދެ ފަޒޫ މައްސަލަ ވަނީ ޕޮލިހަށް ހުށައަޅާފައެވެ. ފަޒޫ ބުނަނީ އެ ކުއްޖާގެ ބައްޕަ ޕޮލިހަށް މައްސަލަ ހުށައަޅާ އެމީހުން ބޭނުންވަނީ ފަޒޫއަތުން މާވަހަރު އަތުލުމަށެވެ. 1.8 ކިލޯ ބަރުދަނުގެ މާވަހަރު އަތުލަން ކުރާ މަސައްކަތުގައި ފަޒޫ ބުނަނީ ޕޮލިހަށްވެސް މި ކަމުގެ ހަގީގަތް ވާނީ ކިޔާދީަފއެވެ. އޭގެ އިތުރުން ސޯސަލް މީޑިއާގައިވެސް ހަގީގަތް ކިޔާދެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިި ކަމުގައި ދުލެއް ނުދޭނެ ކަމަށެވެ.
”އަހަރެން ހޮވި އެއްޗެއް، ފޮޓޯ އެއް ނަގާލަން އައި ބަޔަކު މި ވަރުގެ ދޮގެއް ހަދާފާނެ ކަމަކަށް ހީވެސް ނުކުރަން “ އަސަރާއެކު ފަޒޫގެ ކަންބޮޑުވުން ހިއްސާކުރިއެވެ.
މިއީ އަސްލު މާވަހަރެއް ކަމެއް އަދި މާވަހަރުގެ ކޮން ބާވަތެއް ކަމެއް، މީގެ އަގެއް ޔަގީނެއް ނޫނެވެ. އެހެންވިޔަސް މީގެ މިލުކުވެރިކަމާމެދު އަރާރުން އުފެދި މައްސަލަ މިވަނީ ޕޮލިހަށް ހުށައަޅާފައެވެ.