ހ. ޝީރީންވިލާގޭގެ އެޕާޓްމަންޓެއްގައި، އަނިޔާވެރިގޮތަކަށް މަރާލާފައިއޮތް ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ޕޮލިހުން މިއަދުވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. ތިރީގައި މިވަނީ ޕޮލިހުން މިހާތަނަށް ހިއްސާކުރި އެންމެ ފަހުގެ މައުލޫމާތުތަކެވެ.
– ޝިއާއު މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޒުވާން ސްކޭޓަރު އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ވަނީ ހެކި ލިބިފަ.
– ޝިއާއު މަރުގެ މައްސަލާގައި އަލީ ޝާހިލްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ، ޝާހިލްގެ ފޯނު ހުޅުވުމުގައިވެސް އެއްބާރުލުން ދީފައި ނުވޭ.
– ފޯނު މިހާރު ހުޅުވާފައިވާތީވެ، ފޯނުން ލިބޭ ޑާޓާ ތަކުން މުހިއްމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް ތަހުގީގު ޓީމަށް ކަށަވަރުވޭ.
– ޝިއާއު މަރާލި ފަހުން ވެސް ހަށިގަނޑަށް އަނިޔާ ދީފައިވާކަމަށް ޕޯސްޓުމޯޓަމް ރިޕޯޓުތަކުން އިނގޭ.
– ޝިއާއުގެ ހަށިގަނޑަށް ދީފައިވާ އަނިޔާތަކަކީ ގަސްތުގައި ދީފައިވާ އަނިޔާ ތަކެއްކަމަށާއި، މަރުވެފައި ވަނީ މި އަނިޔާތަކުގެ ސަބަބުންކަން ފޯސްޓުމޯޓަމް ރިޕޯޓުތައް ބުނޭ.
– ޝިއާއު މަރާލި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން، ޝާހިލްގެ ފޯނުން އެކަމާ ގުޅުން ހުރި މައުލޫމާތުތަކެއް ލިބޭނެ ކަމަށް ބެލެވޭ.
– ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި މި މައްސަލައިގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވޭނެ.




