މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އަބްދުﷲ އިބްރާހިމް އަދިވެސް ނުފެންނަ ކަމަަށް ޕޮލިހުން ބުނެފިއެވެ. ކުޅުދުއްފުށި ސިޓީ، ލަންދޫގޭ އަބްދުﷲ އިބްރާހިމް (39އ) އާއިލާއަށް ހަބަރު ނުވެގެން ޕޮލިހަށް ހުށައަޅާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އާއިލާއާއި ހަވާލާދީ ޕޮލިހުން ބުނެފައިވަނީ އަބްދުﷲ އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހު ކުޅުދުއްފުށިން ކަމަށެވެ. އޭގެ ފަހުން (މިމަހުގެ 3 ވަނަ ދުވަހުގެ ފަހުން) މާލެ-ވިލިމާލެ ފެރީ ޓާރމިނަލް ކައިރިން އާއްމު މީހަކަށް ފެނިގެން އެކަން އާއިލާއާއި ހިއްސާކޮށްފައިވާ ކަމަށެވެ.
ޕޮލިހުން އިތުރަށް ބުނެފައިވަނީ މިހާރުވެސް އަބްދުﷲ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަބްދުﷲ ހޯދުމަށް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުމަށް ޕޮލިހުން އެދެއެވެ.
އަބްދުﷲ އިބްރާހިމްއާއި ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުންވެސް އާއިލާއިންވެސް ނުދެއެެވެ. މި ފަހަކަށްއައިސް ގެއްލިގެން ހޯދާ މީހުން ފެނިގެން މައުލޫމާތުދޭއިރު ގެއްލުނު ނުވަތަ އާއިލާއަށް ހަބަރުނުވެ އުޅުނު ސަބަބެއް ހާމައެއް ނުކުރެއެވެ.




