އަންނަ އަހަރަށް ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖުލީހަށް ހުށައަޅައިފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދުގެ ޖަލްސާއަށް ހާޟިރުވެ ބަޖެޓު ހުށައަޅަން ފެށުމާއެކު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ވަނީ އަމީރަށް ނިސްބަތްކުރައްވާ ހުތުރު ބަހުން ޒުވާބުކޮށް މަޖުލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެމްޑިޕީ މެމްބަރުންނާއި މަޖުލީހުގެ އައު ރައީސް މުހައްމަދު އަސްލަމްގެ އެހީތެރިކަމާއެކު ވަނީ 2 ބަޖެޓުވެސް މިއަދުގެ ޖަލްސާއަށް ހުށައަޅާފައެވެ. މި އަންނަ އަަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށައަޅާފައިވަނީ 49.5 ބިލިއަން ރުފިޔާއެވެ.
މިއަދުގެ ޖަލްސާ ފެށުމާއެކު އެންމެ ފުރަތަމަވެސް ނިޒާމީ ނުކުތާއެއް ނަގައި ވާހަކަ ދެއްކެވީ ކުރީގެ މަޖުލިސް ރައީސް މުހައްމަދު ނަޝީދެވެ. މައްޗަންގޯޅި މެދު ދާއިރާ ގޮނޑީގައި ފުރަތަމަ ފަހަރަށް މަޖުލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ ފިނޭންސް މިނިސްޓަރު މަޖުލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށާއި ބަޖެޓު ހުށައަޅަން ޖެހޭ މުއްދަތު ފާއިތުވެގެންހިގައްޖެ ކަމަށެވެ. މިނިސްޓަރު ގޮވައިގެން ކޯޓަށް ދިއުމަށްވެސް ނަޝީދު ހުށައެޅުއްވިއެވެ. ރިޔާސަތުން ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެ މިނިސްޓަރަށް ބަޖެޓު ހުށައެޅުމަސް ފުރުސަތު ދިނުމުންވެސް ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން މަޖުލީހުގެ ތެރޭގައި އަޑުގަދަކޮށް ބަޖެޓު ހުށައެޅުމަށް ހުރަސް އަޅަން މަސައްކަތް ކުރިއެވެ.