އދ. ދަނގެތި މީހަކު މިއަދު ފަތިހު މަހަށް ދިޔަފަހުން ޚަބަރެއް ނުވެގެން ހޯދަން ފަށައިފައިވާ ކަމަށް އެމްއެންޑިއެފުން މައުލޫމާތު ދީފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުތް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ވަނީ ފަށާފައެވެ. އެ ފަރާތަށް މި ކަން ރިޕޯޓުކޮށްފައިވަނީ މިއަދު 11:42 ހާއިރުއެވެ.
ދަނގެތިން މައުލޫމާތުދޭ ގޮތުގައި އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހީމް، މަހަށް ނުކުތީ އޭނާގެ އަމިއްލަ ދޯނީގައި އެކަންޏެވެ. ޔޫސުފްގެ ދޯނި ފެނިފައިވިނަމަވެސް އޭނާ ފެނިފައިނުވާކަމަށްވެއެވެ. ޔޫސުފަކީ އެކަނި މަހަށް ނިކުމެ ކަނޑުމަތީގައި އުޅުމަށް މިހާރު ސިއްހީ ހާލަތު ތަންދޭ މީހެއްނޫން ކަމަށްވެސްވެއެވެ.
ޔޫސުފް މަހަށް ނިކުމެ އުޅެނިކޮށް މިއަދުވެސް ބައެއް މީހުންނަށް ފެނިފައިވާކަމަށާއި، އޭނާ ގެއްލިގެން ހޯދުމަށް ކޯސްޓުގާޑުގެ އިތުރުން އެރަށުގެ ދޯނިތަކުގައި ބައެއް މީހުން މިހާރު ކަނޑު މައްޗަށް ނިކުމެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.