މ..ހަސޯވާ ބިލްޑިންގ 9 ވަނަ ފަންގިފިލާއިން ވެއްޓުނު މީހާ މަރުވެއްޖެއެވެ.
ކަސްޓަމްސް ސަރަހައްދުގައި ހުންނަ މި ބިލްޑިންގުން މީހަކު ވެއްޓިފައިވަނީ މިއަދު ހަވީރުއެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ އިމާރާތުން ވެއްޓުނު މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. އެއީ ކޮން އުމުރެއްގެ މީހެއް އަދި ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ އިމާރާތުގެ މަތިން މީހަކު ފުންމާލީ ކަމަށާއި އެއީ އަންހެނެއް ކަމަށެވެ. އޭނާ ފުންމާލުމުން ވެއްޓުނީ މަގުމަތީ ޕާކުކޮށްފައިވާ ޕިކަޕެއްގެ މައްޗަށެވެ. ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައިވެސް ޕިކަޕު ތެރެއަށް ވެއްޓުނު މީހާ ނަގައިގެން ގެންދާ މަންޒަރު ފެނެއެވެ. އެ ވަގުތު އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ މަޖޫރީންނާއި އާއްމުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދާ މަންޒަރުވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ. ޕޮލިހުން ވަނީ މި ފަދަ ވީޑިއޯތަށް ސޯސަލް މީޑއާއަށް ނުލުމަށާއި ޝެއަރ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް އާއިލާއަކަށް ދިމާވެފައިވާ މިފަދަ ހިތްދަތި ވަގުތެއްގައި އެމީހުންގެ އިޒުނައެއް ނެތި ސޯސަލް މީޑިއާގައި ހިއްސާ ނުކުރުމަށް ޕޮލިހުން އިލްތިމާސް ކުރެއެވެ.
މި މީހާ ބިލްޑިންގުން ފުންމާލީ ނުވަތަ ވެއްޓުނު ސަބަބެއް މިހާތަނަށް އެއްވެސް ފަރާތަކުން މައުލޫތެއް ނުދެއެވެ.