އުމްރާއަށް ގޮސްއުޅެނިކޮށް ވީތަނެއް ނޭނގިގެން ހޯދަމުންދިޔަ ދިވެހި އަންހެން މީހާ ފެނިއްޖެއެވެ.
ހޯދަމުންދިޔައީ ޘާބިތު ހައްޖު އެންޑް އުމްރާގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ފާޠިމަތު ވަޙީދާ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ އަންހެނެކެވެ.
އޭނާ ގެއްލިގެން ހޯދަމުންދާކަން ހާމަކޮށް ޘާބިތު ހައްޖު އެންޑް އުމްރާއިން ބުނީ، އެޖަމާޢަތުގެ ހަވާލުގައި ޢުމްރާއަށް ދިޔަ، ފާޠިމަތު ވަޙީދާ، ނޫވިލާގެ/ ހއ. ހޯރަފުށި، ޢާއިލާގެ ބަޔަކާއެކު ދަމުނަމާދަށް ދިއުމަށްފަހު، އެނބުރި ހޮޓަލަށް ގޮސްފައި ނުވާ ކަމަށެވެ.
އޭނާ ދިޔައީ މޯބައިލް، ކާރޑު އަދި ދަބަސް ބާއްވާފައި ކަމަށްވެސް އެޖަމާއަތުން ބުންޏެވެ.
އެޖަމާއަތުން ބުނީ، ހޯދަމުންދިޔަ މީހާ މިހާރު ފެނިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.
ކޮންމެ އަހަރެއްގައިވެސް ހާއްޖާއި އުމުރާގައި ދިވެހިން ގެއްލި، ހޯދުމުގެ މަސައްކަތް ކުރަން ޖެހެއެެވެ. މީގެ ތެރެއިން ގިނަ މީހުން ގެއްލިފައިވަނީ ދީފައިވާ އިރުޝާދާ ހިލާފަށް އެހެން ތަންތަނަށް ދެވިގެން ކަން ވެސް ގުރޫޕުތަކުން ފާހަގަ ކުރެއެވެ.