މާލޭ މަގުމަތީގައި އޮތް ބުޅަލެއްގެ ބަނޑަށް ވަޅި ހަރާ މަރާލި މީހާ ހައްޔަރުކޮށްފިއެވެ. ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މާލޭ ފިހާރައެއްގެ ދޮރުމަތީ (ޕޭމަންޓު މަތީގައި) ބަނޑު ޖަހާލައިގެން އޮތް ބުޅަލެއް ކައިރިއަށް ހުއްޓި ދެކޮޅު ބަލާލުމަށް ފަހު ކުއްލިއަަކަށް ވަޅިން ހަމަލާދޭ މަންޒަރު ފެނެއެވެ. ބުޅަލުގެ ބަނޑަށް އަމާޒުކޮށް ވަޅިން ހަމަލާ ދިނުމުން އެސޮރު ދުވެފަދާ މަންޒަރުން ގެއްލޭއިރުވެސް ހަމަލާ ދިން މީހާ އެ ސަރަހައްދުގައި މަޑުކޮށްގެން ބުޅަލަށް ބަލަން ހުރެއެވެ.
ސޯސަލް މީޑިއާގައި އާއްމުންގެ ރުޅިވެރިކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމުން ޕޮލިހުންވަނީ އޭނާ ހައްޔަރުކޮށްފައެވެ. ޕޮލިހުން މައުލޫމާތުދޭ ގޮތުގައި އާއްމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން، ބުޅަލަށް ވަޅިން ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށް ޕޮލިހުންގެ ބެލުމުގެ ދަށުގައެވެ. މީނާއަކީ ތ،އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަހުމަދު ނަސީމު ކިޔާ މީހެއް ކަމަށްވެއެވެ.
ބުޅަލަށް ވަޅިން ހަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވި މީހަކު ސޯސަލް މީޑިއާގައި ބުނެފައިވަނީ އޭނާ އެ ސަރަހައްދަށް ދިޔައިރު ބުޅާއޮތީ ވަރަށް ވޭނުގައި ތެޅިތެޅި މަރުވެފައެވެ. އެއީ މާބަނޑު ބުޅަލެއް ކަމަށާއި، ބަނޑުގައި ހުރި ނުއުފަންނަ ކުދި ބުޅާތަކާއެކު މަންމަ ބުޅާ މަރުވެފައި އޮތް މަންޒަރު ފެނުމުން ވަރަށް އަސަރުކުރި ކަމަށެވެ.