ރައްޔިތުން މަޖުލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާދީފިއެވެ.
މީގެ 6 މަސްކުރިން ފެށީގެން އެމްޑީޕީން ހުށައަޅަމުންދާ ނަޝީދު އިތުބާރުނެތް ކަމުގެ މައްސަލާގައި މިހާތަނަށް ނަޝީދަށް މަގާމުގައި ހުރެވުމުގެ ސަބަބު ކަމަށްވާ މަޖުލީހުގެ އިދާރީ މޭޒުން މިއަދު ވަނީ އަލުން އަނބުރާ މަޖުލީހުގެ ގަވައިދުގެ ތެރެއަށް ރުޖޫއަވެ، ނަޝިދު އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަށް، މެމްބަރުން އެދިފައިވާ ގޮތަށް މަގުފަހިކޮށްދޭން ފަށާފައެވެ. ސްޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ނައިބްރައީސް ނެތިވެސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމަށްފަހު ބޭއްވި ހުރިހާ ޖަލްސާއެއްގައިވެސް މަޖުލީހުގެ އަމީންއާއްމު އަދި އިދާރީ މޭޒުން ވަނީ އެގޮތަށް ޖަލްސާތައް ބޭއްވުމަށް އެއްބާރުލުންދީފައެވެ.
މިއަދު ބޭއްވި 2 ޖަލްސާގައިވެސް މަޖުލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ދެކޮޅު ހަދާފައެވެ. އެކަމާ ގުޅިގެން މަޖުލީހުގެ ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް އެހެން މެމްބަރަކު ރިޔާސަތާއި ހަވާލުވެ މަޖުލިސް ކުރިއަށްގެންދަންވެސް އީވާ ފުރުސަތެއް ނުދެއްވިއެވެ. އެކަމުގެ ސަބަބުން އެހެން ޕާޓީތަކުގެ މެމްބަރުންވެސް ބުނަމުން ދިޔައީ އީވާ ރިޔާސަތުން ފޭބުމަށެވެ. މިއަދުގެ ޖަލްސާގައި މަޖުލީހުގެ އެންމެ ދުވަސްވީ އެއް މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ އީވާ ރިޔާސަތު ދޫކޮށްލުމަށް ގޮވާލާފައެވެ.
މަޖުލީހުގެ މެމްބަރަކު ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވީ ހުރިހާ ޕްރެޝަރަށް ކެތް ނުވެ، އެންމެ ފަހުން ސަލާމަތް ނުވާނެކަން އެނގިވަޑައި ގަތުމުންނެވެ. ހާއްސަކޮށް ނިއުޝާއި އާއި ފިލްޒާ (މަޖުލީހުގެ އަމީން އާއްމު އަދި ކައުންސެލް ޖެނެރަލް) ގެ ކޮންޓްރޯލް ގެއްލި ގާސިމް އިބްރާހިމާއި، ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމު ފަދަ ބޭފުޅުންވެސް ނަޝިދު ވަކިކުރަން ތާއިދު ކުރުމުން އެންމެ ފަހުން ގޮތް ހުސްވެގެން އިސްތިއުފާ ދެއްވީ ކަމަށެވެ.