ރައްޔިތުން މަޖުލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލާގައި ހުއްޓިފައިވާ މަޖުލީހުގެ ޖަލްސާތައް ފެށުމަށް ކުރަން ޖެހޭ ކަންތައްތަކަށް ކުރުމަށް އަމީންއާއްމު އަނެއްކާވެސް ދެކޮޅު ހަދައިފިއެވެ. މީގެ ކުރިންވެސް މިމައްސާލަގައި އަމީންއާއްމު ނިއުޝާ ހުރަސް އެޅުމުން މެމްބަރުން ސްޕްރީމް ކޯޓަށް ގޮސް ހައްލެއް ހޯދާފައިވަނިކޮށް މިއަދު ގެ ޖަލްސާވެސް ހުއްޓިފައިވަނީ އިތުބާރު ނެތް ކަމަށް ހުށައަޅާފައިވާ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޕާޓީ ޑިމޮކްރެޓްސް ބޭނުންވި ގޮތަށެވެ. މަޖުލީހުގެ ރިޔާސަތާ ހަވާލުވި ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފު އިއްޔެގެ ޖަލްސާގައި ނިންމާފައިވަނީ ނަޝީދު އިތުބާރު ނެތްކަމުގެ ގަރާރު ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ބޭރުކޮށްލުމަށެވެ. އެކަމާ މަޖުލީހުގެ އިދާރާއި މޭޒުން ދެކޮޅު ހަދަމުންދަނިކޮށް، ނައިބް ރައީސް އީވާ ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައިވެސް ބުނެފައިވަނީ ނަޝިދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެހެން ކަންކަން އެޖެންޑާގައި ހިމެނުމަށެވެ. މި މައްސަލާގައި މަޖުލީހުގެ ކޮމެޓީތަކުންވެސް ނިންމާފައިވަނީ މެމްބަރު ހަސަން އަފީފާއި ނައިބް ރައީސް އީވާ އަބްދުﷲ މުޅި މަޖުލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ނަޝީދު ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރިއަސް މަޖުލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން އުޅެނީ އަމީންއާއްމު އެއްބާރުލުން ނުދެއްވައިގެން ކަަމަށް ބުނެ މިހާރުވެސް ދަނީ މަޖުލީހުގެ ތަޅުމުގައި އިޖުތިޖާދު ކުރަމުންނެެވެ. މަޖުލީހުގެ ކޮމެޓިން ނިންމާފައިވާ ނިންމުމާިއ އެޓަނީ ޖެނެރަލް ގެ ލަފާވެސް ހޯދާފައިވާ މި މައްސަލާގައި އަމީންއާއްމު އިންނެވީ ހިމޭނުންނެވެ. މި ވަގުތު ރައްޔިތުންގެ މަޖުލީހުގެ ރައީސް ކަމުގައި ނަޝީދު ހުންނަވަނީ ސީދާ އަމީންއާއްމު ނިއުޝާއާއި ފިލްޒާގެ އެހީތެރިކަމާއެކުގައި ކަމަށް މެމްބަރުންނާއި އާއްމުން ތަކުރާރުކޮށް ތުހުމަތު ކުރަމުންދާއިރު އިދާރީ މޭޒުން މި ކަމާ އެއްވެސް ވަރަކަށް އެއްބާރުލުން ދޭކަށް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި އިދާރީ މޭޒުން އަމީންއާއްމު ނިއުޝާ އިސްވެ ހުންނަވައި ނިންމާފައިވަނީ ނަޝީދު ބޭނުންވާ ގޮތަށް މަޖުލީހުގެ ޖަލްސާތައް ހުއްޓުވާ ވީހާވެސް ގިނަ ދުވަހު މަރުތަޅުގައި ބޭއްވުމެވެ.
މުރާސިލަށް މައުލޫމާތު ދެއްވަމުން މެމްބަރަކު ވިދާޅުވީ މަޖުލިސް ރައީސް ހޮވަނީވެސް މެމްބަރުން ކަމަށާއި، މަޖުލީހަށް މެމްބަރުން ހޮވަނީ އާއްމު ރައްޔިތުން ކަމަށާއި އެެހެން ވިޔަސް އަމީންއާއްމު އަދި އިދާރީ މޭޒުން އެ ކަން ހަނދާން ނައްތާލާ މަޖުލިސް ހިންގަން މަސައްކަތް ކުރަނީ ޚުދުމުހުތާރުކޮށް ކަމަށެވެ. މެމްބަރުން ހޮވި ރައީސެއް، މެމްބަރުން ބޭނުންވީމާ ވަކި ނުކުރެވިގެން އުޅެނީވެސް އިދާރީ މޭޒުން ސިޔާސީ ޕާޓީއެއްގެ ސިފަ ޖެހި ރައީސް ހިމާޔަތުގައި ގާނޫނާއި ގަވައދި ތަކުން ބޭރުންވެސް ’ކޮންމެ އަގެއް ދައްކައިގެން‘ ވެސް މަޖުލީހުގެ ރައީސް ހިމާޔާތް ކުރަން ބޭނުންވާތީ ކަމަށްވެސް އެ މެމްބަރު ތުހުމަތު ކުރެއެވެ.