ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަ ކަމާއެކު ވިސާއަށް އެޕްލައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފޮރިިން މިނިސްޓްރީން ބުނެފިއެވެ.
ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމަށް ވިސާ ޖެހުމަށް މީގެ ކުރިން ދާން ޖެހެނީ ސްރީލަންކާއަށެވެެ. އޭގެ ބަދަލުގައި ޔޫރަޕުގެ ގައުމުތަކަށް ދަތުރު ކުރުމުގައި ފަސޭހައިން ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް މާލޭގައި ވީއެފްއެސްގެ ގްލޯބަލް ޖޮއިންޓް ސެޝަންގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް 2020 ގައި ވަނީ ހުޅުވާފައެވެ. އެ ހިދުމަތް ފުޅާ ކުރުމަށް ވީއެފްއެސް މާލެ ވިސާ ސެންޓަރާއި ރަސްމީކޮށް ސްވިޒަލެންޑުން މިދިޔަ އޮގަސްޓުގައި ވަނީ ގުޅިފަ އެވެ. އެ ސެންޓަރު މެދުވެރިކޮށް ސްވިޒަލެންޑް، ބެލްޖިއަމް، ނެދަލެންޑް، ޕޮލެންޑް، ލަގްޒެމްބޯގް އަދި ސްލޮވީނިއާ އަށް ޝެންގަން ވިސާއަށް އެޕްލައި ކުރެވޭނެ ގޮތަށް ވަނީ ހަދައިފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ގައުމުތަކުގެ އިތުރުން އިއްޔެއިން ފެށިގެން ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލްގެ ޝެންގަން ވިސާއަށް މާލޭގައި ހުންނަ ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މި ކަމަކީ ވޭތުވެދިޔަ ދުވަސްތަކުގައި އެ މިނިސްޓްރީން ވަރަށް ބުރަކޮށް ކުރި މަސައްކަތުން ހަމަޖެހުނު ފަސޭހަތަކެކެވެ. ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް އަމިއްލަ ގައުމުގައި ތިބެގެން ވިސާއަށް އެދުމުގެ ކަންތައްތަކަކީ މީގެ ކުރިން ފަހިވެފައިވާ ކަމަށްނުވާއިރު ސްރީލަންކާއަށްގޮސް އެކަން ކުރުމަށް ގިނަ ހަރަދުތަކެއް ކުރަން ޖެހެއެވެ. ކިޔަވާ ކުދިންނާއި އެހެނިހެންވެސް ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ޔޫރަޕަށް އަބަދުވެސް ދަތުރުކުރެއެވެ.