ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި، އޭނާގެ ކޮއްކޮ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ.
ސިހުރު ހެދިކަމަށް ތުހުމަތުކޮށް ޝަމްނާޒާއި އޭނާގެ ކޮއްކަޮ ސަނާ ސަލީމް އަދި އެމައްސަލާގައި ’ސިހުރުވެރިޔާ ކަމަށް ބުނާ‘ ސަމީރު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ޝަމްނާޒުގެ އާއިލީ މެމްބަރަކު ’މުރާސިލަށް‘ މައުލޫމާތު ދެމުން ބުނީ އެމީހުން ބަންދުން ދޫކޮށްލީ ތަހުގީގު ކުރި މައްސަލަތަކާއި ޕޮލިހުން ކުރި ސުވާލުތައް މީޑިއާތަކަށް ނުދިނުމަށް ޝަރުތު ކޮށްފައެވެ. އެކަމާ ގުޅޭ ވާހަކަ އާއްމު ތަންތަނުގައިވެސް ދެއްކުންވެސް ޝަމްނާޒަށް ވަނީ މަނާކޮށްފައެވެ.
މި މައްސަލައިގެ އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮަށްފައި ނުވެއެވެ. މި މައްސަލާގައި ޝަމްނާޒުގެ ވަކީލު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޕޮލިހުން ބޭނުންވަނީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުއާއި ދެކޮޅަށް ހެކިބަސް ދިނުމަށެވެ. އެ ހެކިބަސް ދިނުމުން ދޫކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ހޯދާ ހެކިބަހެއް ކަމެއް ވަކީލު ބުނެފައި ނުވެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒަކީ ރައީސް ޑރ.މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެކެވެ. ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމުގައި މުއިއްޒު ހުންނެވިއިރު އެންމެ އަރިހުގައ މަސައްކަތް ކުރުމުގެ އިތުރުން ރިޔާސީ އިންތިހާބުގައިވެސް ޑރ.މުއިއްޒުގެ އެންމެ އަރިހުގައި ކެމްޕޭނުގައި ހަރަކާތެރިވީ ރަމީޒެވެ. މާލޭ ސިޓީ ކައުންސިލަރުންގެ މަގާމުގައި ތިއްބެވި އާދަމް ރަމީޒާއި އަދި ކުރީގެ އަނބިކަނބަލުން ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އާދަމް ރަމީޒު އައްޔަން ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށެވެ. ޝަމްނާޒް އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރީ ފަހުންނެވެ.
ޝަމްނާޒު އަދި އޭނާގެ ކޮއްކޮ މަގާމުތަކުން ވަކިކޮށްފައިވާއިރު އާދަމް ރަމީޒު ހުންނެވި މިނިސްޓަރުގެ މަގާމުން ސަސްޕެންޑުކޮށްފައެވެ.