ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހޮވިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ތާއިދު ކުރުމަށް ހުޅުވާލީ ސިޔާސީ އިސްފަރާތްތަކަށް ކަމަށާއި ޖޭޕީއަށް ދައުވަތު ނުދޭ ކަމަށް ޕީޕީއެމް ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބު ފުރުތަމަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ޕީޕީއެމް އޮފީސް ކުރިމަތީ ބޭއްވި އެއްވުމުގެ ޕީޕީއެމްގެ ކޯލިޝަން ކެންޑީޑޭޓު ޑރ މުއިއްޒުވަނީ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އެމަނިކުފާނާ ގުޅުމަށް ދައުވަތު ދެއްވާފައެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ޖޭޕީއާއި އެހެންވެސް ޕާޓީތަކާ ވާހަަކަ ދައްކަމުންދޭތޯ ސުވާލުކުރުމުން ޕީޕީއެމް އޮފިޝަަލަކު ޔަގީންކޮށްދެއްވީ އެއްވެސް ސިޔާސީ ޕާޓީއަކާ ވާހަކަދައްކާ ރަސްމީކޮށް ކޯލިޝަނަކަށް ހުށައަޅާފައިނުވާނެ ކަމަށެވެ. ހާއްސަކޮށް ގާސިމް އިބްރާހިމް ގެ ޖުމްހޫރީ ޕާޓީއަށް އެފަދަ ދައުވަތެއް ދީފައި ނުވާނެ ކަމަށެވެ.
ރައީސް ޔާމީނުވެސް ޖުމްހޫރީ ޕާޓީއާ ކޯލިޝަން ނުހެދުމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީވެ، އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ އެހުމުން ޕީޕީއެމްގެ އޮފިޝަލު އެކަމުގެ ތަފްސީލެއް ނުދެއްވާ ވިދަޅުވީ ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުން ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.