ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މާލެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު މާލެ ސިޓީގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މާލޭގެ ސަހަރާތައް ތޮއްޖެހުމުގެ މައްސަލައާއި ކައުންސިލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުންވެސް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސިޓީ ކައުންސިލްގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ދިނުމަށް މިސަރުކާރުން މިހާރު ކުރައްވަމުންދާ މަސައްކަތްތައް ހއްސާކުރައްވާފައެވެ. އަދި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފުރިހަމައަށް ދިނުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުންވެސް ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށާއި، ގެދޮރުވެރިކަންފަދަ ރައްޔިތުންނާ އެންމެ ގުޅުންހުރި ކަންކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުންވެސް ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން މިވަގުތު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ކުރިއަށްއޮތް ތަނުގައި އެކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލެއް އެނގިވަޑައިގެންފައިނެތުންކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެ ކޮމިޓީއިން ވަނީ މި އަހަރު ކުރުމަށް ނިންމާފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިހާތަނަށް އ.ތ.މ. ކޮމިޓީތަކުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާއި އެހެނިހެން ޗުއްޓީފަދަ ކަންކަން ނުލިބުން ކަމުގައި ވިދާޅުވެފައެވެ. އަދި އެކަންކަމަކީ ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލެއްކަމުގައި ފާހަގަކުރައްވައި އެކަން ކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށް ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ ”އެފިޝަންޓް“ ވާނެގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމުގެ ކުރިން ހުންނެވީ މާލެސިޓީގެ މޭޔަރުގެ މަގާމުގައެވެ.




