ވ. އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި މައްސަލާގައި, އެ ހިޔާނާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހޯއްދެވި މަންފާކަމަށް ބުނެ 53 މިލިއަން ރުފިޔާ، ދައުލަތަށް ދައްކަން ދަށު ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ބޭރުން ކަމަށް ހައި ކޯޓުން ނިންމައިފިއެވެ. މި ގޮތަށް ކަނޑައެޅި ޝަރީއަތުގެ މަޖްލީހުގައި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ޔާމީނަށް ހުކުމް ކުރި އިރު، މި ފައިސާގެ އެއްވެސް ވާހަކައެއް ހުކުމުގައި ނެތުމެވެ. އެހެން ކަމުން މިއީ ޕީޖީއާއި ކުރިމިނަލް ކޯޓުގެ އިހުމާލުން ޔާމީނަށް އަނެއްކާވެސް ލިބުނު ކާމިޔާބެކެވެ. މީގެ ކުރިން ވަނީ އިމްލާ ކުށެއް ފާހަގަވެ، ޔާމީނު ޖަލުން ސަލާމަތްވެފައެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން، މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔާމީންގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވަނީ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރާއި އެ ފައިސާ އިންވެސްޓު ކޮށްގެން ޔާމީނަށް ލިބުނު ފައިދާއެވެ.
އެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކުރީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ 25 ޑިސެމްބަރު 2022 ގައެވެ. އަދި، 53 މިލިއަން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ 26، ފެބްރުއަރީ 2023ގައެވެ.
ފައިސާ ދައްކަން ޔާމީންގެ މައްޗަށް ކުރި އަމުރާ ގުޅިގެން ހައި ކޯޓުގައި ކުރިއަށްގެންދިޔަ އިސްތިއުނާފީ ޝަރީއަތް ނިންމައި ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، މައުޟޫއީ މައްސަލައިގެ ހުކުމުގައި ކުށްކޮށްގެން ހޯދިކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނާފައި ނެތުމުން އަލުން އަމުރަކަށް އެދެވިދާނެ ގާނޫނީ ހަމައެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމްކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.
ހުކުމުގައިވަނީ ޔާމީންގެ މައްސަލާގައި ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުވާގައި ހިމަނާފައި ވިޔަސް، އެ މައްސަލާގައި ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރު ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ފަހުން ނެރުނު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތްކަމަށް ހުކުމުގައިވެއެވެ.
އެ އަމުރު ނެރުނީ ޔާމީން ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއާ ގުޅިގެންކަން ފާހަގަކޮށް، އެއީ ގާނޫނާ ހިލާފް ކަމެއްކަމަށް ހުކުމުގައިވެއެވެ. އަދި އަމުރު ނެރުމުގެ ކުރިން ޔާމީނަށް އެކަމާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދީފައިނުވާ ކަމަށް ހުކުމުގައިވެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ގޮތުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވިއެވެ.
މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު ދީބަނާޒު ފަހުމީއެވެ.