ރައްޔިތުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލާގައި ހުއްޓިފައިވާ މަޖުލީހުގެ މައްސަލަ އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށައަޅައި، އެކަމާ މެދު ސްޕްރީމް ކޯޓުން ހުކުމް ކުރުމުން ނަޝީދުގެ މަލާމާތާއި ފާޑުކިއުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަމާޒު ވެއްޖެއެވެ. އިއްޔެ ގެ ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މަޖުލީހުގެ އިދާރީ މޭޒުން އަމަލު ކުރަމުންދަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށާއި މަޖުލީހުގެ ރިޔާސަތުގައި ރައީސް އާއި ނައިބް ރައީސް (ނަޝީދު، އީވާ) ނެތަސް ޖަލްސާ ބޭއްވޭނެ ކަމަށެވެ.
އިއްޔެ ގެ މި ހުކުމުގެ ސަބަބުން ރައްތިތުން މަޖުލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ގެންދެވޭނެއެވެ. ނައިބް ރައީސް އީވާ ނެތަސް ދުވަސްވީ މެމްބަރުންގެ ތަރުތީބުން މެމްބަރުންނަށް މަޖުލީހުގެ ރިޔާސަތު ވެސް ބެލެހެއްޓޭނެއެވެ. ސްޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން މަޖުލީހުގެ ވަޓްސްއެޕް ގުރޫޕުގައި ނަޝީދު ވިދާޅުވީ އެ ކޯޓުގައި ލިޔަންކިޔަން އިނގޭ މީހަކު އެއްޗެއް ނުބުނާ ކަމަށެވެ. ހުކުމް އިއްވެވި ފަނޑިޔާރު މަހާޒަށް ނިސްބަތްކޮށް މި މޭރުމުން ވާހަކަ ދެއްކެވީ ހުކުމުގައި ފަނޑިޔާރު ބެންޗުގައި ތިއްބެވި ބޭފުޅުން އެއްޗެއް ވިދާޅުނުވާތީ ނުވަތަ މުޅި ސްޕްރީމް ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންގެ ބަހެއް ނެތް ކަމަށް ދޭހަވާ މޭރުމަކުންނެެވެ. އޭގެ އިތުރުން ނަޝީދު ފާހަގަކޮށްފައިވާ ގޮތުގައި ސްޕްރީމް ކޯޓުގެ ހުކުމް އައީ ނަމްބަރުންތޯ ވެސް ސުވާލު އުފައްދާފައެވެ. ހުކުމަށް ފަހު ނަޝީދު ވިދާޅުވީ ސްޕްރީމް ކޯޓުންވެސް 5 ދުވަސް ދެއްވައިފި ކަމަށާއި ބާކީ 7 ދުވަސްވެސް ލިބޭނެ ކަމަށެވެ. އެ މަނިކުފާނު އިޝާރާތް ކުރައްވަނީ އިންތިހާބީ ރައީސް ޑރ.މުއިއްޒު ހުވާ ކުރުމަށް ބާކީ އޮތީ 7 ދުވަސް ކަމަށްވެފައި މަޖުލީހުގެ އިދާރި މޭޒުގެ ފުރިހަމަ ކޮންޓްރޯލު އޮތުމުން 7 ދުވަސް ތެރޭގައި ބޭނުން ގޮަތަކަށް މަޖުލީހުގެ ޖަލްސާތައް ބޭއްވޭނެ ކަމަށް އިޝާރާތްކުރައްވާފައެވެ.
ރައްޔިތުން މަޖުލީހުގެ މުއައްޒަފުންނާއި އަދި ބައެއް މެމްބަރުން ބުނާ ގޮތުން އިއްޔެގެ ހުކުމަށްފަހު ނަޝީދު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަސްލު މައްސަލަ ސާފުނުވިތީ ވަރަށް ބޮޑަށް މަލާމަތްވެސް ކޮށްފައެވެ. އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ޕާޓީއަށް ހަގީގަތުގައި ކާމިޔާބު ނުވީވެސް މުޅި މައްސަލަ ފަނޑިޔާރުންނަށް ސާފު ނުވުން ކަމަށެވެ. މި ގޮތުން މަޖުލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަ އޮތަސް އިންތިހާބީ ރައީސް ހުވާކުރާ ޖަލްސާ ބާއްވާ، ކެބިނެޓަށް ރުހުންދީ، ބަޖެޓް ފާސްކޮށް މަޖުލީހުގެ ޖަލްސާތައް ބޭއްވުމަށް ހުރަހެއް ނެތް ކަމުގެ ހުކުމަކީ ނަޝީދާއި ޑިމޮކްރެޓްސް ގެ ވެސް ބޭނުންވި ގޮތް ކަމަށާއި ރައީސް އިތުބާރުނެތް ކަމުގެ މައްސަލަ މެމްބަރުން ތަކެއް ހުށައެޅުމުން އެކަމުގެ ސީރިއަސް ކަމެއް ސްޕްރީމް ކޯޓަށް ސާފުނުވި ކަމަށެވެ. ނަޝިދުވެސް ބޭނުންފުޅުވަނީ އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި، ރައްުޔިތުން މަޖުލީހުގެ ދައުރު ނިމެންދެން ރައީސް ކަމުގައި ހުރެވޭނެ ގޮތްތަކަށް މަގުފަހި ކުރުން ކަމަށާއި އިއްޔެގެ ހުކުމުގެ ސަބަބުން އެކަމަށް އިތުރަށް މަގުފަހިވެ ނަޝީދަށް ލިބުނީ ކާމިޔާބެއް ކަމަށްވެސް ބުނެފައިވާ ކަމަށެވެ.
އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް ރައްޔިތުން މަޖުލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވިޔަސް އެ ޖަލްސާ ކުރިއަށް ގެންދިއުމަށް މި ވަގުތު މަޖުލިސް އިދާރީ މޭޒު ކޮންޓްރޯކް ކުރާ ޑިމޮކްރެޓްސް ޕާޓީގެ ވިސްނުމުގައި ނެތެވެ.